އަވަށްޓެރި ސްރީލަންކާގެ ވެރިރަށް ކޮޅުނބާއި ގަމްޕަހައިން 25 ސަރަހައްދެއް ލޮކްޑައުން ކޮށްފިއެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރު ވަމުން ދިއުމާ ގުޅިގެން، ކޮޅުނބާއި ގަމްގަޕަހަ އިން ސަރަހައްދުތަކެއް ލޮކްޑައުން ކޮށްފައި ވަނީ، ލަންކާ ގަޑިން މިއަދު ފަތިހު 05:00 އިން ފެށިގެންނެވެ. މި ސަރަހައްދުތަކަކީ ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ވެފައި ވާ ސަރަހައްދުތަށް ކަމަށް މައުލުމާތު ލިބެއެވެ.

ލޮކްޑައުން ކުރުމަށް ނިންމާފައިވާ ބައެއް ސަރަހައްދުތަކުގެ ތެރޭގައި މަޓައްކުލިޔާ، ފޯޝޯ، ބާބާ ސްޓްރީޓް، މަލިގަވައްތަ، ޑެމަޓަގޮޑާ، ވަލަމްޕިޓިޔާ، ނިގެމްބޯ، ޖާ-އެލާ އަދި ޕެލިޔާގޮޑާ ފަދަ ސަރަހައްދުތައް ހިމެނެއެވެ.

މީގެ އިތުރުން، ކޮޅުނބާއި ގަމްޕަހައިން 19 ސަރަހައްދެއްގައި އައިސޮލޭޝަން ސްޓޭޓަސް އިއުލާން ކޮށްފައި އޮތް އޮތުން، ދަންމާލުމަށް ނިންމާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 17287 އަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 5734 މީހަކު ރެކޯޑް ކޮށްފައި ވާއިރު، ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 58 އަށް އަރާފައެވެ.