ދ.ޖުޑީޝަލް ދާއިރާ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
އަބްދުއްރައްޒާގުގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލައަކީ ދ.މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ ހިންގި މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 34/M7C/2014 ގަޟިއްޔާ ކަމަށެވެ.
އޭގެ އިތުރުން އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި އެކޯޓުގެ ގަޟިއްޔާ މެއި 04، 2015 ގައި މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް އެ ދެ ގަޟިއްޔާ ހިންގުމަށްޓަކައި މެޖިސްޓްރޭޓް އަބްދުއްރައްޒާގު ދ.މާއެނބޫދޫ ކޯޓުގެ ކޯޓު އަމުރު ނެރެ ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެއް ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނީ މާއެނބޫދޫ ކޯޓުގެ ދެ ގަޟިއްޔާ މެއި 04، 2015 ގައި ނިންމާފައި ވަނިކޮށް އެ ދެ ގަޟިއްޔާ އަލުން ހިންގާފައިވަނީ އެ ގަޟިއްޔާގައި ކުރިން ހުކުމްކޮށްފައިވާކަން އަބްދުއްރައްޒާގު އެނގިހުރެ ގަސްތުގައި ކަމަށާއި އެ ދެ މައްސަލަ ހިންގުމުގެ ކުރިން މެޖިސްޓްރޭޓް ކޯޓަށް އަބްދުއްރައްޒާގު ސޮއިކުރައްވާ ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ފެކްސް މެސެޖުން އެގޭ ކަމަށެވެ.
އެ ފެކްސް މެސެޖް ފޮނުވާފައި ނުވާކަމަށް އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު ބުނެ ތަހުގީގުން އޮޅުވާލާފައިވާކަން ވެސް ފާހަގަ ކުރެވޭ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެގޮތުން އެފެކްސް މެސެޖުގައި މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ދެ ގަޟިއްޔާ ބާތިލުކޮށްފައިވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ޝަރީޢައަތްކުރުމާ ބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6.0 އަދި 6.1 އާއި ހިލާފަށް ކަމަށްވާތީ އެދެ ގަޟިއްޔާ އަލުން އެކޯޓުގައި ހިންގުމަށް އަންގައި ބަޔާންކޮށް އަބްދުއްރައްޒާގު ސޮއިކޮށްފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ އެމައްސަލައިގައި އަބްދުއްރައްޒާގު ވަކިކުރުމަށް ނިންމިއިރު އޭނާ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވާ އެމައްސަލަ ބަލަން ހިތްހަމަނުޖެހި އެމައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ދ.މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ. އެމައްސަލަ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 87/M8C/2018 ގަޟިއްޔާގެ ޝަރީއަތަށް އަބްދުއްރައްޒާގު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮއިއަކީ ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލައެއް ވެސް އެކޮމިޝަނުން ތަހުގީގުކުރާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އޭގެ އިތުރުން ފޯޖްކޮށްފައިވާ ސޮއިއެއްކަމަށް ބުނާ މައްސަލަ މޯލްޑިވެސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަން ފެށުމާ ގުޅިގެން ޖެނުއަރީ 07، 2020 ވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު ހުންނެވީ ސަސްޕެންޑްކުރެވިފާ ކަމަށް ޖޭއެސްސީން ބުނެއެވެ.