ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް، ވަޒީފާގެ ޒިންމާއަށްވުރެ އިސްކަންދެއްވާފައިވަނީ ރައްދުދެއްވުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓު ބާރުގަދަވެގެން އުޅުނު ގޮތަށް މަޖިލިސް ވެސް މިހާރު ފެންނަން ފަށާފައިވާ ކަމަށްވެސް މަލީހު ވިދާޅުވުމާ ގުޅިގެން އެވާހަކަތަކަށް ރައްދު ދެއްވާ މީކާއިލް ވިދާޅުވީ ފެށުނީއްސުރެ މިއަދާ ހަމައަށް މިނިސްޓަރު މަލީހު ވަޒީފާގެ ޒިންމާތައް އަދާކުރެއްވުމަށް ވުރެ އިސްކުރައްވާފައިވަނީ އޭނާ ޖަވާބުދާރީ ކުރުވަން އުޅޭ އެންމެންނަށް ރައްދު ދިނުމަށް ކަމަށެވެ.
އަދި މަލީހު އެ މަގާމު ހިންގަވަން ހުންނެވުމަށް އިތުބާރެއްނެތް ކަމަށްވެސް މީކާއިލް ވިދާޅުވިއެވެ.
މަލީހުގެ އެ ވާހަކަތަކަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ފާޑުކިޔުންތައް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މަލީހު ދެއްކެވި ވާހަކަތަކަކީ "ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މަހާނަ މައްޗަށް މަޑިއަށް ޖެހުން" ކަމަށެވެ.
ހަމައެއާއެކު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވީ ޒިންމާ އަދާނުކުރެވި ފެއިލްވުމުން އެ ބަޔަކާއި ސުވާލުކުރުން އެއީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުންގެ ހައިސިއްޔަތުން މެންބަރުންގެ ޒިންމާއެއް ކަމަށާއި އެއީ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށެވެ.
މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ވިދާޅުވީ މަލީހު އެންމެ ރަނގަޅުވާނީ ސަރުކާރުން ހަވާލުކޮށްފައިވާ މެންޑޭޓް އަދާކުރުން ކަމަށާއި އަދި ބޮޑުކަމެއް ދިމާވުމާއެކު ޗުއްޓީ ނެންގެވުމަކުން ނުނިމޭނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު މަލީހުގެ އެ ވާހަކަތަކާ ގުޅިގެން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ 2 އަހަރު ވެގެންދިޔައިރު ކޮމިއުނިކޭޝަން މިނިސްޓްރީން ކޮށްދެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ.
މަޖިލިސް މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، އިންޓަނެޓް އަގުހެޔޮ ކުރުން ލަސްވުމާ ގުޅިގެންވެސް އާންމުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައެވެ.
ކޮވިޑް19 ރާއްޖެއިން ފެނުމާއި ގުޅިގެން އާންމު ރައްޔިތުން ގޭގައި މަޑުން ތިބުމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. އަދި ގޭގައި ތިބެގެން ބައެއް އޮފީސްތަކުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަދާފައިވީ ނަމަވެސް، ރާއްޖޭގައި ދެމުންދާ އިންޓަނެޓުގެ ސްޕީޑު ދައްވުމުވުން މަސައްކަތްތަކަށް ބުރޫ އަރާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ސަރުކާރުން މިދިޔަ އަހަރު އެކުލަވައިލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި އޮތީ އަތް ފޯރާ އަގެއްގައި ފެންވަރު ރަނގަޅު އިންޓަނެޓް ހިދުމަތް ލިބޭނެކަން ކަށަަަވަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަންނަ އަހަރު ކުރުމަށެެވެ. އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ކުރަން ކަނޑައަަޅާފައިވާ ކަމަކީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތް ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން އުފެދޭ ފަދަ ފިޔަވަޅުތަކެއް އެޅުމެވެ.
އިންޓަނެޓްގެ ހިދުމަތުގެ އަގުހެޔޮ ކުރުމަށް މިނިސްޓްރީން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ހުރިހާ ބާރެއް އޮތީ ރައީސް އޮފީހުގައި ކަމަށް މަލީހު ވަނީ ކުރިން ވިދާޅުވެފައެވެ.
ތި މީކާއިލް ނަސީމަކީ އެފްރިކާ ބައްރުގެ މީހެއްވައްތަރު ހާދަޖަހައޭ