ބައިނަލްއަގުވާމީ ފެންވަރުގައި ސިލްސިލާ ގޮތުގައި ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ މި ފަހަރު ބައްދަލު ކުރަން ޖެހިފައި މިވަނީ، މިހާތަނަށްވެސް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތެރޭގައި މުޅި ދުނިޔެ މާޔޫސްވެފައި ވާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން ބަޔަކަށް ކޮވިޑް-19 ޖެހި، އެތައް ބިލިއަން ބައެއްގެ އާންމު ދިރިއުޅުމަށް މިކަމުގެ ސީދާ އަސަރުތައް ފޯރާފައި ވާއިރު، ހަކުރު ބަލީގެ ޕޭޝަންޓުންނަކީ މިކަމުގައި އެންމެ ބޮޑު އަގެއް ދައްކާ މީހުން ކަން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ފާހަގަކުރެއެވެ. ކޮވިޑް-19 ޖެހުމުން ފުރާނައަށް ނުރައްކާ ގިންތީގައި ހިމެނުން އެކަންޏެއް ނޫނެވެ. ހަކުރު ބަލީގެ ޕޭޝަންޓުންނަށް އަދުގެ އާ-އާންމު ހާލަތުގައި ކުރިމަތިލާން ޖެހިފައިވާ އެތައް ގޮންޖެހުންތަކަކާ ތަކުލީފެއް އެބަހުއްޓެވެ. ހަކުރު ބައްޔާއެކު ދިރިއުޅުމަށް ބޭނުންވާ އަސާސީ ފަރުވާ ހޯދުމުގައިވެސް ހުރަސްތަކެއް އެބަހުއްޓެވެ.

ވަގުތުން ނަތީޖާ ލިބޭ ހަކުރު ޓެސްޓު ހަދަނީ/ފޮޓޯ: ޑަބްލިއުއެޗްއޯ

ކޮވިޑް-19 އާއެކު ހަކުރު ބަލީގެ ނުރައްކަލުގެ މާޔޫސްކަން ވަކިން އިތުރުވެއްޖެއެވެ. ޑަބްލިއުއެޗްއޯއިން ލަފާ ކުރާ ގޮތުގައި، ދުނިޔޭގެ އާބާދީގެ 6 ޕަސެންޓް މީހުންނަކީ ހަކުރު ބަލި ޖެހިފައި ވާ މީހުންނެވެ. މިއަދު ހަކުރު ބަލި ޖެހިފައި ވާ ޕޭޝަންޓުންގެ އަދަދަކީ 1980 އާ އަޅާ ބަލާއިރު، 4 ގުނަ އިތުރު އަދަދެކެވެ. ކަންބޮޑުވާން ޖެހޭ އަނެއް ކަމަކީ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބެން ނެތް، ފަގީރު އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި، މި ބަލީގެ ޕޭޝަންޓުންގެ އަދަދު އިންތިހާއަށް އިތުރު ވަމުން އަންނަ ކަމެވެ.

ހަކުރު ބަލީގެ ނުރައްކާ ބޮޑު ވަމުން އަންނަ ވަރަކަށް، އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާ ބޭނުންވުންވެސް އިތުރު ވެފައި ވާ ކަން ޑަބްލިއުއެޗްއޯއިން ފާހަގަ ކުރެއެވެ. އެއީ ބަލިން ދިފާއުވުމާއި، މޮނިޓާ ކުރުމާއި، ބަލި ޖެހުމުން ފަރުވާ ހޯދުމުގެ މަރުހަލާގައިވެސްމެއެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން އަންނަ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާ ދިމާކޮށް، ޑަބްލިއުއެޗްއޯއިން ވަނީ "ގްލޯބަލް ޑައެބީޓީޒް ކޮމްޕެކްޓް" އެއް ތައާރަފުކޮށްފައެވެ. މިއީ ހަކުރު ބަލިން ދިފާއުވުމާއި، ހަކުރު ބަލީގެ ކޭސްތައް މެނޭޖު ކުރުމަށް، ހުރިހާ އެންމެންގެ ބައިވެރިވުމާ ޝާމިލުވުން އެކުލެވޭ، ބިނާ ކުރަނިވި ހަރަކާތްތަކަށް މަގުފަހިކުރުވަނިވި މަޝްރޫއެކެވެ.

https://www.youtube.com/watch?v=Y_oXUegkTbU&feature=youtu.be

"ގްލޯބަލް ޑައެބީޓީޒް ކޮމްޕެކްޓް" އަކީ، ހަކުރު ބަލިން ދިފާއުވުމާއި ބަލި މެނޭޖު ކުރުމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން ތަރައްގީ ކޮށްފައ ވާ ވަސީލަތްތައް އެއް ޕްލެޓްފޯމަކުން ފޯރުކޮށްދޭ ޕެކޭޖެކެވެ. ބަލިން ދިފާއުވުމުގެ ނަޒަރިއްޔާއަށް ބަލާއިރު، އެންމެ ބޮޑު ސަމާލު ކަމެއް ދީފައި ވަނީ، ވަކުން ހާއްސަ ކޮށް ޅަ އުމުރުގެ އާބާދީގައި އާދަޔާ ހިލާފަށް ފަލަވުމުގެ ބަލި (އޮބީސިޓީ) ދަށް ކުރުމަށެވެ. ފަރުވާގެ ނަޒަރިއްޔާއިން ބަލާއިރު، ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގައި ހަކުރު ބަލީގެ ބޭހަށް ފުރުސަތު ލިބޭ މިންވަރު ތަނަވަސް ކުރުމާ، ޓެކްނޮލޮޖީއަށް ފުރުސަތު ތަނަވަސް ކުރުން ހިމެނެއެވެ.

"ގްލޯބަލް ޑައެބީޓީޒް ކޮމްޕެކްޓް" ގެ ކާމިޔާބީ ބިނާ ވަނީ، ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ އިތުރުން ހެވާއި ލާބައަށް އެހީދޭ މީހުންނާ ޖަމިއްޔާތަކުގެ އެއްބާރުލުމުގެ މައްޗަށް ކަމަށްވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަ ކުރެއެވެ.