ރާއްޖެ އިސްލާމް ވި ދުވަލާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ކުޑަކުދިންގެ ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި މުބާރާތަކީ، ކުޑަކުދިންގެ މެދުގައި އިސްލާމީ އަހްލާގު އަށަގަންނުވައި، އިސްލާމީ އަގީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިއުމަށް އިންތިޒާމްކޮށްފައިވާ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދާނީ އުމުރުން 5 އަހަރާއި 13 އަހަރާ ދެމެދުގެ ކުޑަކުދިންނަށް އަމާޒުކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކުރެހުމުގެ މުބާރާތުގެ ތީމްތަކުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނަމާދު، ގެފުޅު އަދި މަންމަ އާއި ބައްޕައެވެ. ނަމާދު ތީމްގެ ދަށުން ނަމާދު ވަގުތު ދައްކުވައިދޭ ކުރެހުމާއި، ނަމާދު ކުރަތަން ދައްކުވައިދޭ ކުރެހުމާއި ނަމާދުގެ މުހިންމުކަން އަންގައިދޭ ކުރެހުމުގެ އިތުރުން ނަމާދަށް ޝައުގުވެރިވާނެ ގޮތްތައް ދައްކުވައިދޭ ކުރެހުން ހުށަހެޅިދާނެއެވެ. އަދި ގެފުޅު ތީމްގެ ދަށުން ގެފުޅަކީ ކޮންތަނެއް ކަމަށާއި ގެފުޅަށް ޒިޔާރަތް ކުރުމުގެ ބޭނުން ދައްކުވައިދޭ ކުރެހުން ހުށަހެޅިދާނެއެވެ.

މަންމަ އާއި ބައްޕަ ތީމްގެ ދަށުން ހުށަހެޅިދާނެ ކުރެހުންތަކުގެ ތެރޭގައި ހިމެނެނީ މައިންބަފައިންނަށް އެހީތެރިވުން، މައިންބަފައިންނަށް އަޅާލުން، އޯގާތެރިވުން، މައިންބަފައިންގެ ބަސްއެހުން އަދި މައިންބަފައިންނަށް އިހްތިރާމްކުރުން ދައްކުވައިދޭ ކުރެހުންތަކެވެެ.

މި މުބާރާތުގެ ޝަރުތުތަކަކީ ކުރަހާ ކުރެހުން ތީމަށް ފެރުން އަދި އިސްލާމީ އުސޫލުތަކަށް ފެތުމެވެ. މި މުބާރާތަށް ހުށަހަޅާ ކުރެހުމާއެކު ކުރެހުންތެރިއާގެ އައިޑީކާޑޫގެ ކޮޕީއެއް، ކުރެހުންތެރިއާގެ ސްޓޭމްޕް ސައިޒުގެ ފޮޓޯއެއްގެ އިތުރުން ކުރެހި ވަގުތު ނަގާފައިވާ ފޮޓޯއަކާއި ކުރެހުމާއެކު ނަގާފައިވާ ފޮޓޯއެއް ފޮނުވަން ވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މިމަހު 16 ވަނަ ދުވަހުގެ ހަވީރު 4:00ގެ ކުރިން މިނިސްޓްރީއަށް އީމެއިލްގެ ޒަރިއްޔާއިން ކުރެހުން ހުށަހަޅަން ވާނެ ކަމަށެވެ. އަދި ފޮނުވާ އީމެއިލްގެ ސަބްޖެކްޓުގެ ގޮތުގައި "ރާއްޖެ އިސްލާމްވި ދުވަހުގެ ކުރެހުމުގެ މުބާރާތް" މިހެން ޖެހުމަށްފަހު ކުއްޖާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު ޖަހަން ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކުރެހުންތަކަށް އިންސާފު ކުރުމާއި ވަނަ ހޮވުމާސް ހަމަޖެހިފައި ވަނީ ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށެވެ. އެގޮތުން ވަނަތަކަށް ހޮވާލެވޭ 5 ކުރެހުމެއް ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ، 5 ވަނަ ހޮވާއިރު، އޭގެ ތެރެއިން ކޮންމެ ވަނައަކަށް ވެސް ހަނދާނީ ލިޔުމުގެ އިތުރުން ފައިސާގެ އިނާމު ދޭނެ ކަމަށެވެ.

އެގޮތުން، 1 ވަނަ ކުރެހުމަށް 1500 ރުފިޔާ، 2 ވަނަ ކުރެހުމަށް 1000 ރުފިޔާ، 3 ވަނަ ކުރެހުމަށް 700 ރުފިޔާ، 4 ވަނަ ކުރެހުމަށް 500 ރުފިޔާ އަދި 5 ވަނަ ކުރެހުމަށް 300 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.