އައްޑޫ ސިޓީގައި ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އެއް ބަލަމުން ދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
އެޗްއާރްސީއެމުން މިހެން ބުނެފައިވާއިރު، ފުލުހުން ވެސް ދަނީ މި މައްސަލަ ބަލަމުންނެވެ. އެގޮތުން ފުލުހުން ބުނީ، ސ. ފޭދޫގައި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ކުރާ ތުހުމަތު ވަނީ ސަމާލުކަމަށް އައިސްފައި ކަމަށާއި އެކަމާ ގުޅިގެން ފުލުހުންގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށްވެސް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފޭދޫގައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރާ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑު 11 ޖަހާކަށް ހާއިރެވެ. މި ހާދިސާ ހިނގާ ދިޔަ ގޮތް ހިއްސާކޮށް އަނިޔާ ލިބުނު މީހާގެ އާއިލާގެ ފަރާތުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި މި މަހުގެ 9 ވަނަ ދުވަހުގެރޭ 11:00 ހާއިރު ސ. ފޭދޫގެ މަގެއްގައި އޭނާ ހުއްޓާ ފުލުހުންގެ އޮފިސަރުންތަކަކަށް އޭނާ ފެނިގެން ސ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އެ ސްޓޭޝަނަށް ގެންގޮސް ބިޑި އަޅުވައި އޭނާގެ ގައި ގައި ތަޅައި އަނިޔާކޮށް ބެޑްޝީޓެއް ގެނެސް އޭނާ ދަން ޖައްސާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެއެވެ. އެހެންކަމުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
އާއިލާއިން މަޖިލީހުގެ ކޮމިޓީއަށް ފޮނުވި ސިޓީގައިވާ ގޮތުން، އެ މީހާއަށް އަނިޔާ ކޮށްފައި ވަނީ ސ. ގަން ޕޮލިސް ސްޓޭޝަނުގައި ހުރި އޮފިސަރެއްގެ "އެނާޖީ ވޭސްޓް" ވާތީ ކަމަށް ބުނެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ދަންވަރު 1:08 ގައި އޭނާގެ އާއިލާ މީހަކަށް އޮފިސަރަކު ގުޅައި، އޭނާ ހައްޔަރުން ދޫކޮށްލަނީ ކަމަށާއި އޭނާއާ ހަވާލުވުމަށް އަންގާފައިވާ ކަމަށް ވެސް އެ ސީޓިގައި ބުނެއެވެ. އަދި އާއިލާ ފަރާތުން އޭނާއާ ހަވާލުވާން ދިޔަ އިރު އޭނާއަށް ޖިސްމާނީ އަނިޔާ ލިބިފައިވާތީ އިއްޔެ ސ. ފޭދޫ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި ލިބުނު އަނިޔާގެ ސަބަބުން ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ހުށަހެޅި ސިޓީގައި ވެއެވެ.
އެ އާއިލާގެ ފަރާތުން ވަނީ އަނިޔާ ދިނުމުގައި ބައިވެރިވި ހުރިހާ އޮފިސަރުންގެ މައްސަލަ އާއި ހާއްސަކޮށް އޭނާއަށް އަނިޔާކުރި ފުލުހުންގެ އޮފިސަރު ކަމަށް ބުނާ މުހައްމަދު އަލީ ދީދީގެ މައްސަލައާއި، ފޭދޫ އަދި ގަން ޕޮލިސް ސްޓޭޝަން ހިންގުމުގައި އިސްކޮށް ހަވާލުވެހުރި އޮފިސަރުންގެ ބެލުމުގެ ދަށުގައި މިފަދަކަމެއް ހިނގާފައިވާތީ އެފަރާތްތަކުގެ އިހުމާލުގެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.