އައްޑޫ ސިޓީގައި ފުލުހުންގެ ބަޔަކު މީހަކަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ އެއް ބަލަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ސ. ފޭދޫގައި މީހަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ކުރާ ތުހުމަތު ވަނީ ސަމާލުކަމަށް އައިސްފައި ކަމަށާއި އެކަމާ ގުޅިގެން ފުލުހުންގެ ތެރޭގައި ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުން ކުރިއަށް ގެންދާ ތަހުގީގުތަކަށްވެސް އެއްބާރުލުން ދޭނެ ކަމަށް ފުލުހުން ބުނެއެވެ.
ފޭދޫގައި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ތުހުމަތު ކުރާ ހާދިސާ ހިނގާފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑު 11 ޖަހާކަށް ހާއިރެވެ. މި ހާދިސާ ހިނގާ ދިޔަ ގޮތް ހިއްސާކޮށް އަނިޔާ ލިބުނު މީހާގެ އާއިލާގެ ފަރާތުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވާފައެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުގައި މި މަހުގެ 9 ވަނަ ދުވަހުގެރޭ 11:00 ހާއިރު ސ. ފޭދޫގެ މަގެއްގައި އޭނާ ހުއްޓާ ފުލުހުންގެ އޮފިސަރުންތަކަކަށް އޭނާ ފެނިގެން ސ. ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. އަދި އެ ސްޓޭޝަނަށް ގެންގިސް ބިޑި އަޅުވައި އޭނާގެ ގައި ގައި ތަޅައި އަނިޔާކޮށް ބެޑްޝީޓެއް ގެނެސް އޭނާ ދަން ޖައްސާނެ ކަމަށް ބުނެ ބިރު ދައްކާފައިވާ ކަމަށް ވެސް އެ ސިޓީގައި ބުނެއެވެ. އެހެންކަމުން މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ރޭގެ ދަންވަރު 1:08 ގައި އޭނާގެ އާއިލާ މީހަކަށް އޮފިސަރަކު ގުޅައި، އޭނާ ހައްޔަރުން ދޫކޮށްލަނީ ކަމަށާއި އޭނާއަ ހަވާލުވުމަށް އަންގާފައިވާ ކަމަށް ވެސް އެ ސީޓިގައި ބުނެއެވެ. އަޑި އާއިލާ ފަރާތުން އޭނާއާ ހަވާލުވާން ދިޔަ އިރު އޭނާއަށް ޖިސްމާނީ އަނިޔާ ލިބިފައިވާތީ މިއަދު ސ. ފޭދޫ ސިއްހީ މަރުކަޒަށް ދެއްކި ކަމަށާއި ލިބުނު އަނިޔާގެ ސަބަބުން ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމަށް އާއިލާއިން ހުށަހެޅި ސިޓީގައި ވެއެވެ.
އެ އާއިލާގެ ފަރާތުން ވަނީ އަނިޔާ ދިނުމުގައި ބައިވެރިވި ހުރިހާ އޮފިސަރުންގެ މައްސަލަ އާއި ހާއްސަކޮށް އޭނާއަށް އަނިޔާކުރި ފުލުހުންގެ އޮފިސަރު މުހައްމަދު އަލީ ދީދީގެ މައްސަލައާއި، ފޭދޫ އަދި ގަން ޕޮލިސް ސްޓޭޝަން ހިންގުމުގައި އިސްކޮށް ހަވާލުވެހުރި އޮފިސަރުންގެ ބެލުމުގެ ދަށުގައި މިފަދަކަމެއް ހިނގާފައިވާތީ އެފަރާތްތަކުގެ އިހުމާލުގެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.