ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ސިޔާސީ މުސަތަގުބަލެއް އޮތް ކުޅަދާނަ ސިޔާސީ ފަރާތެއް ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ ރާއްޖެޓީވީިން ގެނެސްދޭ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ މުސަތަގުބަލެއް އޮތް ކުޅަދާނަ ސިޔާސީ ދާއިރާގެ މަސައްކަތް ކުރައްވާ ފަރާތެއް ކަމަށެވެ. އަދި އަލީ ވަހީދުގެ މުސްތަގުބަލް އޭނާ އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައި ދިނުމަށް އެއީ އެންމެން ވެސް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލީ ވަހީދު މިނިސްޓަރު ކަމުން ވަކިކުރެއްވުމަކީ ނެގުނު ރަނގަޅު ނިންމުމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަން އޭނާ ވެސް ގަބޫލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމައްސަލައިގެ މައުލޫމާތުތައް ލިބުމާއިއެކު ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މައްސަލައިގެ ބާވަތުން އަވަހަށް އަމަލުކޮށް ނިންމުންތައް ނިންމި ކަމަށް ރައީސް ވިދާޅުވިއެވެ.

އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހް އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހަށާއި، ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް ރައީސް ސޯލިހް އެންގެވި ނަމަވެސް އޭނާ ރަސްމީ ސިފައެއްގައި އިސްތިއުފާ ދެއްވިކަމުގެ ސިޓީއެއް ރައީސް ސޯލިހަކަށް ނާރުވައެވެ. އޭނާ މަގާމުން ވަކިކުރީ ރަސްމީކޮށް އިސްތިއުފާ ނުދެއްވުމުންނެވެ. ހަމަ އެހެންމެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.

އަލީ ވަހީދު މަގާމުން ވަކިކުރުމަށްފަހު ޓޫރިޒަމް މިނިސްޓްރީ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާއެވެ. ނަމަވެސް ފަހުން ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމަށް އަބްދުﷲ މައުސޫމް ވަނީ ހަމަޖައްސާފައެވެ.

މިއީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ރާއްޖޭގައި ވަޒީރަކު މަގާމުން ވަކިކުރި ފުރަތަމަ ފަހަރެވެ.