އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުންވި ސްޕީޑުގައި ކުރިއަށް ނުދާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީ އިން ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ދެ ކޮމިޝަނުގެ މަސައްކަތްތައް އެންމެ ބޭނުން ފުޅުވި ގޮތުގައި ކުރިއަށް ނުދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ހާއްސަކޮށް މަރު ކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގައި ހިމެނޭ އާއިލާތަކަށް އަވަހަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ.
ނަމަވެސް ކޮމިޝަންތައް ބަދަލު ކުރައްވައިގެން ވަކި ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ މަރު ކޮމިޝަނުން ބަލަމުން ގެންދާ 28 މައްސަލައެއްގެ ތެރެއިން 9 މައްސަލައެއްގެ ތަހުގީގު މިހާރު އެއްކޮށް ނިންމާ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި އެ މަސައްކަތްތަކާއެކު ރައްޔިތުންނަށް އޮތް އިތުބާރު ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ދެ އަހަރު ދުވަސް ތެރޭގައި ކުރެވުނު މަސައްކަތްތަކާއި މެދު ޖުމްލަކޮށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެއެވެ.
މަރު ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައި ވާ ދެ ކޮމިޝަނެވެ.
މަރު ކޮމިޝަން އުފެއްދީ އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަލުން ތަހުގީގުކޮށް އިންސާފު ގާއިމްކޮށް ދިނުމަށެވެ. އެންމެ އިސްކަމެއް ދީގެން ބެލީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން އުފެއްދީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ގ) ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައި ގަންނަވާ ބާރުގެ ދަށުންނެވެ. ސްޓޭޓް އެސެޓް ރިކަވަރި ކޮމިޝަނަކީ ކޮރަޕްޝަނުގެ ތެރެއިން ދައުލަަތަށް ގެއްލިފައިވާ ފައިސާ ހޯދުމަށް ރައީސް އުފައްދެވި ކޮމިޝަނެކެވެ.