9 މަޝްރޫއެއް 928 މިލިއަން ރުފިޔާ އަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

ބިން ހިއްކުމާއި ބަނދަރު ހެދުމުގެ ނުވަ މަޝްރޫއެއް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފައިވާއިރު އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.

ނެޝަނަލް ޕްލޭނިން، ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން އެއެއްބަސްވުމުގައި ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

އެމްޓީސީސީއާ މިއަދު ހަވާލުކުރި ނުވަ މަޝްރޫއުތަކުގެ ތެރޭގައި ހއ. އިހަވަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ރ. ދުވާފަރު ބިން ހިއްކުމާއި ޅ. ހިންނަވަރު ބަނދަރު އަޕްގްރޭޑްކުރުމާއި އއ. އުކުޅަސް ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި އަދި އއ. އުކުޅަސް ބަންދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ހިމެނެއެވެ.

އޭގެ އިތުރުން އއ. މާޅޮސް ބަނދަރު އަޕްގްރޭޑްކުރުމާއި މ. ދިއްގަރު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމާއި ތ. ހިރިލަންދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން އަދި ގއ. ދާންދޫ ބިން ހިއްކުން ހިމެނެއެވެ.

އެ ނުވަ މަޝްރޫއުގެ ޖުމްލަ އަގު 928،426،941 ރުފިޔާ އަށް އަރައެވެ.

ބިން ހިއްކުމުގެ މަސައްކަތްތައްކުރާނީ އެމްޓީސީސީގެ މަހާޖައްރާފު ބޭނުންކޮށްގެން ކަމަށް ވާތީ އެއް މަޝްރޫއު ނިމޭ އިރަށް އަނެއް މަޝްރޫއު ވަގުތުން ފަށާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.