ތައުލީމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ އޮކްޓޫބަރު 26، 2020 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 10 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އެ ބިލަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި ގާއިމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކޮށް ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުމަށް ބަޔާން ކުރާ ގާނޫނެކެވެ. އަދި އުނގެނުމާ ގުޅޭގޮތުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިންނާއި މުދައްރިސުންގެ ޒިންމާތައް ކަނޑައެޅުމާއި ދިވެހިރާއްޖޭގައި ތައުލީމު ދިނުމާގުޅޭ އެނޫންވެސް އާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެކެވެ.

އެ ގާނޫނުގެ މައިގަނޑު މަގުސަދަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ދިވެހިރާއްޖޭގައި ގާއިމުކުރުން ކަމަށް އެގާނޫނުގައި ވެއެވެ.

އޭގެ އިތުރުން އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށު ނާރާނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށާއި އާންމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތައުލީމީ ނިޒާމެއް ގާއިމު ކުރުން ކަމަށް އެގާނޫނުގައި ވެއެވެ.

ރައީސް އެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ތައުލީމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އެ ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އެ ގާނޫނު ފާސްވެ ތަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުގެ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރު ފެށޭ ތާރީހުގައެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ގާނޫނު ނަންބަރު 2012/1 (ޕްރީ ސްކޫލް ހިންގުމުގެ ގާނޫނު) އުވައިލެވޭނެއެވެ.