ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އަތްޕުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނަންގަވާފައިވާ ކަމަށް ބުނާ ހަ މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.

ޑީއާރުޕީން ބުނި އެ ފައިސާއަކީ އަނބުރާ ދައްކަވާނެ ކަމަށް ވިދާޅުވެ ޖާބިރުގެ އަތްޕުޅުން ދަރަންޏަށް ގާސިމް ނެންގެވި ފައިސާ ކަމަށާއި ކޯޓަށް މައްސަލަ ހުށަހެޅުއްވީ ދަރަންޏަށް ނެންގެވި ފައިސާ މިހާތަނަށް އަނބުރާ ދައްކަވާފައި ނުވާތީ ކަމަށެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލާގައިވާ ބުނެފައި ވަނީ ޖާބިރު އަތުން ގާސިމް ނަންގަވާފައި ވަނީ 65،000 ޑޮލަރު ކަމަށެވެ. އެއީ ގާތްގަނޑަކަށް އެއް މިލިއަން ރުފިޔާއެވެ. ބާކީ ފަސް މިލިއަން ރުފިޔާ ގާސިމް ނެންގެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މެދުވެރިކޮށް ކަމަށް އެ މައްސަލާގައި ބުނެފައި ވެއެވެ.

ގާސިމް އިބްރާހިމް ނެންގެވި ލޯނެއް ނުދައްކާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައި ވާއިރު، ޖާބިރުގެ އަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައިސާ ނެންގެވި ކަމަށް ބުނާ މައްސަލައެއްވެސް މިހާރު ކޯޓުގައި ކުރިއަށް ދެއެވެ.

އެމައްސަލައިގެ އަޑުއެހުމެއް ފެބްރުއަރީ މަހު ބާއްވާފައި ވާއިރު އެ އަޑުއެހުމުގައި ރައީސް މައުމޫންގެ ފަރާތްޕުޅުން ވަނީ މައްސަލައަށް އިންކާރު ކުރައްވާފައެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ރައީސް މައުމޫނުގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.

މައުމޫން ޖާބިރު އަތްޕުޅުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ޖާބިރު ވަނީ އެމައްސަލަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އަނބުރާ ނެންގަވާފައެވެ.

އޭރު އެމައްސަލަ އަނބުރާ ނެންގެވި ސަބަބަކީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމަކަށް ކަމަށާއި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މައާފު ދެއްވާފައިވާ ކަމަށް އޭރު ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ މައުމޫނު އޭނާގެ އަތުން ފައިސާ ނެންގެވީ އެމަނިކުފާނު ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުގައި ކަމަށެވެ.

ޖާބިރު ވަނީ މިފަދަ ތުހުމަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވެސް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން އޭނާގެ އަތްޕުޅުން 17 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެ ފައިސާއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނެންގެވި ފައިސާ ކަމަށެވެ. މި ކަމާ ގުޅިގެން ޖާބިރު ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރަކީ އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.