ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ އިސް ފަރާތްތަކުން ބައިވެރިވެ އިޖުތިމާއީ ގައިދުރު ކަމެއް ނެތި ބައިވެރިވެފައި ވާތީ އިދިކޮޅުގެ ފާޑުކިޔުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް އަމާޒު ވެއްޖެއެވެ.

އިއްޔެގެ ރަސްމިއްޔާތާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވީ ކޮވިޑް-19 އަކީ، އަންނަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް މި ސަރުކާރުން ގެންގުޅޭ ހަތިޔާރެއް ކަމަށާއި އިއްޔެގެ އެ ރަސްމިއްޔާތުގައި ކަން ހިނގާފައިވާ ގޮތް އޮޅުން ފިލުވައި ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރުގެ ކިބައިން ވަނީ އެދިފައެވެ.

އެ ރަސްމިއްޔާތުގައި ދުރުކޮށް ގޮނޑިޖަހާފައި ވާ ކަމަށާއި ނަމަވެސް އިޖުތިމާއީ ގައިދުރު ކަމެއް ނެތި ކުރިމަތީގައި ތިބި މީހުން އެއްވެފައި ވާތީ އެއީ ކޮން އުސޫލެއްގެ ދަށުން ކޮށްފައިވާ ކަމެއްތޯއާއި ސަރުކާރުން އެޗްޕީއޭގެ އުސޫލު ގެންގުޅެނީ ކޮން ގޮތަކަށް ކަމާމެދުވެސް ޝުޖާއު ވަނީ ސުވާލު އުފައްދާފައެވެ.

އަދި ކޮވިޑް ރާއްޖޭގައި ފަތުރަނީ ސަރުކާރުން ކަމަށާއި ކޮވިޑަކީ މި ސަރުކާރުން ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ގެންގުޅޭ އުކުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެޗްޕީއޭ ޒިންމާދާރު ވުމަށްވެސް ޝުޖާއި ވަނީ ގޮވާލައްވައިފައެވެ.

އިއްޔެ ބޭއްވި އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާއެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ފޮޓޯގެ ސަބަބުން އެޗްޕީއޭއަށް އިދިކޮޅުގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، މިދިޔަ އޮގަސްޓް މަހުގެ 28 ވީ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަންގެ ފަރާތުން ބޭއްވި ސައިކަލު ބުރާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ފަރާތުން ވަނީ ބޮޑު އަދަދަކުން ޕީޕީއެމް އާއި ޕީއެންސީ ޖޫރިމަނާ ކޮށްފައެވެ. ހަމައެއާއެކު ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ.