ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަޒްނާ އަހުމަދާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރި ކަމަށް ބުނާ މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) ކިޔާ ރާއްޖޭގެ އޮންލައިން ނޫހުން ޝާއިއު ކުރި ލިޔުން އިސްލާހު ކުރުމަށާއި އެ ލިޔުމުގައިވާ ދޮގު މައުލޫމާތަށް އިގުރާރުވެ މާފަށް އެދުމަށް ގޮވާލައިފިއެވެ.

ފަޒްނާ ތަމްސީލް ކުރާ ލޯފާމެއް ކަމަށްވާ ލިޓިޖަންޓްސް އިން ވަނީ އެމްއެންއެންގެ އެޑިޓަރު ސަލީމް ވަހީދަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ވަނީ އެ ނޫހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ޝާއިއު ކުރި ލިޔުން އިސްލާހު ކުރުމަށާއި އެ ލިޔުމުގައި ވާ ދޮގު މައުލޫމާތު ކަމަށް އިގުރާރުވެ އެކަމަށް މައާފަށް އެދުމަށް ފަޒްނާ އަހުމަދުގެ ގާނޫނީ ވަކީލުންގެ ހައިސިއްޔަތުން އަންގާ ކަމަށެވެ.

ލިޓިޖަންޓްސް އިން ބުނީ، ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ބްރޯޑްކާސްޓް ކުރާ ފަރާތުގެ ކޮންޓެންޓްގައި ހިފަހައްޓަން ޖެހޭ މިންގަނޑުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ތިން ވަނަ ހަމަ ކަމުގައިވާ "މީހުންގެ އަބުރުވެރިކަމާއި ޒާތީ ދިރިއުޅުން ރައްކާތެރި ކުރުމުގެ" ހަމައިގެ 1 ވަނަ ނަންބަރުގައި "މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑި ދާ ފަދަ ނުވަތަ އިއްޒަތާއި ގަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓްނުކުރުން" މިންގަނޑެއްގެ ގޮތުގައި އޮންނަ ކަމަށެވެ. އެގޮތަށް މިންގަނޑުތައް އޮތް އިރު އެ މާއްދާއާއި ހިލާފަށް ފަޒްނާ އަހުމަދުގެ އިއްޒަތާއި ގަދަރަށާއި، އުނިކަން ލިބި، މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވުރެއް އުފެދިދާނެ ފަދަ ގޮތަކަށް މޯލްޑިވްސް ނިއުސް ނެޓްވޯރކް (އެމްއެންއެން) އިން ހަގީގަތާއި ހިލާފު މައުލޫމާތު ޝާއިއު ކޮށްފައި ވެއެވެ.

މީގެ އިތުރުން ބްރޯޑް ކާސްޓް ކުރުމުގެ ގަވާއިދުގެ 41 ވަނަ މާއްދާގައި "ބްރޯޑްކާސްޓްކުރާ ފަރާތުން އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭގޮތަށް ގެނެސް ދެވިއްޖެނަމަ އެ ކުށް އިސްލާހުކޮށް، އެކަމަށް މައާފަށް އެދެން ޖެހޭނަމަ އެކަމަށް މައާފަށް އެދެންވާނެ" ކަމަށް އޮންނަ ކަމަށް ވެސް ލިޓިޖަންސް އިން ބުނެއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ ނޫހުން ނެރުނު ލިޔުމުގައި ބުނާގޮތުން، މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތް ކޮޅުގައި ގާއިމު ކުރަމުން ދާ ޕާކަށް ގަސް ވިއްކަނީ ސްރީލަންކާގައި ހުންނަ ފަޒްނާ އަހުމަދުގެ ގަސް ވިއްކާ ކުންފުންޏަކުން ކަމަށާއި އެ ކުންފުނީގެ އަނެއް ޕާޓްނަރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

މި ކަމާ ގުޅިގެން މިއީ ދޮގު މައުލޫމާތެއް ކަމަށް ބުނެ ފަޒްނާ އަހުމަދުގެ ގާނޫނީ ވަކީލުން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ފަޒްނާ އަހުމަދުގެ އެފަދަ ކުންފުންޏެއް އޮތް ނަމަ އެ ކުންފުނީގެ ނަމާއި، އެ ކުންފުނީގައި އެކަމަނާ ހިމެނިވަޑައިގަންނަވާ ގޮތެއް އެންގުމަކީ އެ ފަދަ އެއްޗެއް ލިޔާ އެޑިޓަރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އަދި މި ކަމާ ގުޅިގެން އެ ނޫހަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ފަޒްނާ އަހުމަދުގެ ގާނުނީ ވަކީލުން ވަނީ ބުނެފައެވެ.