ސަލްޓަންސް ކުންފުނިން ރާއްޖެ ގެނައި ދެ ލޯންޗެއްގެ އަގު އޮޅުވާލި މައްސަލައިގައި 110 މިލިއަން ރުފިޔާ ދައްކަން އެންގުމުން، އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމެއް ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.

ސަލްޓަންސް ކުންފުނިން 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު ރާއްޖެ ގެނައި ދެ ޔޮޓެއްގެ ބްރޭންޑާއި، މޮޑެލްއާއި، އަގު ކަސްޓަމްސްއަށް އޮޅުވާލި މައްސަލާގައި އިމްޕޯޓް ޑިއުޓީ އާއި ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2010 ވަނަ އަހަރު ހުކުމްކުރީ އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.

ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށް އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފައެވެ. ހައިކޯޓުގެ އެހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ސުޕްރީމް ކޯޓުން އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނީ ސަލްޓަންސްއިން އެ މައްސަލައިގައި އޮޅުވާލިކަން އެނގެން އޮންނަ ކަމަށާއި ސަލްޓަންސްއިން އޮޅުވާލިކަން ތަހުގީގުން ސާބިތުވުމުން ސަލްޓަންސްއަށް ފިޔަވަޅު އެޅުމުގެ ބާރާއި އިހުތިޔާރު ކަސްޓަމްސްއަށް ލިބޭ ކަމަށެވެ.

އޭގެ އިތުރުން އެއީ އާ އުޅަނދުތަކެއް ކަމަށާއި އޭގެ އަގު އޮޅުވައިލާފައިވާ ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. އަދި އެ ފައިސާ ދައްކަން ނުޖެހޭ ކަމަށް ހައިކޯޓުން ކުރި ހުކުމް ވަނީ ބާތިލު ކޮށްފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.