ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ފާމަސޫޓިކަލް ކުންފުނި – އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުން އަންނަ ވެކްސިން، ފުޅާ ދާއިރާއެއްގައި އުފެއްދުމުގެ އަމަލީ މަސައްކަތް، އޮސްޓްރޭލިއާގައި މިއަދު ފަށައިފިއެވެ.

މިހާތަނަށް ރާވާފައި އޮތް ގޮތުން، އޮކްސްފޯޑް-އަސްޓްރާޒެނީކާ އެލާޔަންސްގެ 30 މިލިއަން ޑޯޒްގެ ވެކްސިން، އޮސްޓްރޭލިއާގައި އުފައްދާނެއެވެ. އާންމު ބޭނުމަށް ވެކްސިން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އޮސްޓްރޭލިއާއިން ފެށި ނަމަވެސް، މި ވެކްސިންވެސް އަދި އޮތީ ކްލިނިކަލް ޓްރަޔަލް މަރުހަލާގައެވެ. ނަމަވެސް، މިއީ ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކުރަމުން ދާ ވެކްސިންތަކުގެ ސަބަބުން އެންމެ އުއްމީދީ އެއް ވެކްސިން ކަމަށް ބުނެވެއެވެ.

އޭޑީއެފްގެ ފައުޖުތަކުން އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގެ ގެތަކުގައި ތިބެންޖެހޭ ޕޭޝަންޓުން ގެތަކުގައި ތިބިތޯ ވަކިވަކިން ބަލާ ފާސްކުރަނީ/ފޮޓޯ: ޑޭވިޑް ގޮޒްލިންގް

އޮސްޓްރޭލިއާގައި މި ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އަސްޓްރާޒެނީކާއާއެކު ހަދާފައިވާ އެއްބަސްވުންތަކެއްގެ ދަށުން، އޮސްޓްރޭލިއާގެ ބައޮޓެކް ކުންފުންޏެއް ކަމަށް ވާ ސީއެސްލްއިންނެވެ. އޮސްޓްރޭލިއާއިން އަމާޒު ހިފާފައި ވަނީ 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި ވެކްސިން ދޫ ކުރަން ފެށުމަށެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑް-19 ވެކްސިން ތަރައްގީ ކުރަމުންދަނީ އަސްޓްރާޒެނީކާއާއި ގުޅިގެން/ފޮޓޯ: އެންބީސީނިއުސް

ބެލެވޭ ގޮތުގައި މި ވެކްސިން ފުރިހަމަ ވާނީ 2 ޑޯޒް ޖަހައިގެންނެވެ. އެހެންކަމުން އޮސްޓްރޭލިއާއިން މިހާރު އުފައްދާ ޝިޕްމަންޓަކީ 15 މިލިއަން މީހުންނަށް ހާއްސަ ވެކްސިން ޝިޕްމަންޓެއް ކަމަށް ލަފާ ކުރެވެއެވެ.

ސީއެސްއެލް އިން ވަނީ ކޮވިޑް-19ގެ އިތުރު ވެކްސިން ކެންޑިޑޭޓެއްވެސް އުފައްދާފައެވެ. އެއީ ކުއީންސްލަންޑް ޔުނިވާސިޓީ އިން ތަރައްގީ ކޮށްފައި ވާ ވެކްސިނެކެވެ. މި ވެކްސިން އޮތީ ކުލިނިކަލް ޓްރަޔަލް މަރުހަލާގެ 2ބީ/3 ގައެވެ. މި ވެކްސިން އުފެއްދުން މިވަގުތަށް މަޑުޖައްސާލާފައި ވަނީ، ފޭސް 1 ގެ ދިރާސާ ނަތީޖާތައް ލިބެންދެނެވެ.