"ޑީމަނިޓައިޒޭޝަން" ނުވަތަ ވިޔަފާރީގެ މުއާމަލާތްތަކުގައި ފައިސާގެ ވަކި ނޫޓުތަކެއް ބޭނުން ކުރުމަށް ދޫކޮށްފައި އޮންނަ ގާނޫނީ ހުއްދަ ބާތިލުކޮށް އެ ފައިސާގެ ނޫޓުތަކަކީ ލީގަލް ޓެންޑަރެއްގެ ގޮތުގައި ބަލައި ނުގަތުމަށް ހަމަޖެއްސުމާއެކު، ކަޅު ފައިސާގެ މައްސަލައަށް ހައްލެއް ލިބިފައި ވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

"ޑީމަނިޓައިޒޭޝަން" ސިޔާސަތުގެ ދަށުން، 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އިންޑިއާއިން ވަނީ މަހާތަމާ ގާންދީ ސީރީޒްގެ 500 އާއި 1000 ރުޕީޒްގެ ނޫޓަކީ ލީގަލް ޓެންޑަރެއް ނޫން ކަމަށް ކަނޑައަޅާފައެވެ. "ޑީމަނިޓައިޒޭޝަން" އުސޫލުން ބާތިލު ކުރި ނޫޓުތަކުގެ ބަދަލުގައި، އާ ސީރީޒް އެއްގެ ދަށުން، 500 އާއި 2000 ރުޕީޒްގެ ނޫޓު ތައާރަފު ކުރުމަށްވެސް އިންޑިއާއިން ނިންމިއެވެ.

އިންޑިއާ ފައިސާ ރުޕީސް/ ފޮޓޯ: ޒީ ނިއުސް

މި އުސޫލުން ފައިސާގެ ލީގަލް ޓެންޑަރިންގް ބާރު ކަނޑުވާލުމުން، ކަޅު ފައިސާގެ މައްސަލަ ހައްލު ލިބުނު ކަން މޯދީ އިއުލާން ކުރައްވާފައި މިވަނީ "ޑީމަނިޓައިޒޭޝަން" ތަންފީޒު ކުރަން ފެށިތާ ބަރާބަރު، 4 އަހަރު ދުވަސް ފަހުންނެވެ.

މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޑީމަނިޓައިޒޭޝަން"ގެ ސަބަބުން ކަޅު ފައިސާ މަދުވިއިރު، ޓެކްސްގެ މައްސަލަތަކަށްވެސް ލުއި ލިބި، ދެފުށް ފެންނަ އުސޫލުތަކަށް ހިތްވަރު ލިބިފައި ވާ ކަމަށެވެ. އަދި މިއީ ގައުމީ ކުރިއެރުމަށް އިންތިހާ ފައިދާ ލިއްބައިދެނިވި ކަމެއް ކަމުގައި ވެސް މޯދީ ވަނީ ސިފަ ކުރައްވާފައެވެ.

ޓެކްސް ކޮމްޕްލަޔަންސް އުސޫލުތަކާއެކު، އިންޑިއާއަކީ މިއަދު ނަގުދު ފައިސާއަށް ބަރޯސާވުމުގެ އާދައާއި ދުރުވަމުން އަންނަ ގައުމެއް ކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީގެ "ޑީމަނިޓައިޒޭޝަން" ކެމްޕޭނަކީ، ކަޅުފައިސާގެ މައްސަލައާއި، "ހިޔަނި އިގުތިސޯދު" ގެ ތެރެއިން، ޓެރަރިޒަމްއާއި ގައިރު ގާނޫނީ އަމަލުތަކަށް ފަންޑު ކުރުމަށް ހިންގާ ހަރަކާތްތަކުގެ ބާރު ކަނޑުވާލުމުގެ މަގުސަދުގައި ފެއްޓެވި ކެމްޕޭނެކެވެ. ކޮރަޕްޝަނާ ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅަކަށް މިކަން ވީ އިރު، ބައިނަލްއަގުވާމީ މުޖުތަމައުންވެސް ވަނީ މޯދީގެ "ޑީމަނިޓައިޒޭޝަން" ސިޔާސަތަށް މަރުހަބާ ކިއާފައެވެ.