2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައި މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްގީ ކުރުމުގެ މަޝްރޫއުތައް ހާއްސަ ސަމާލުކަމެއް ދީފައި ވެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން މި މައުލޫމާތު ހާމަ ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އޭނާ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތް ނަމަވެސް މި ސިނާއަތުގެ ނަފާ އިތުރު ކުރެވިދާނެ ގިނަ ގޮތްތަކެއް އަދިވެސް އެބަހުރި ކަމަށެވެ.

އެގޮތުން ހާއްސަ ސަމާލުކަމެއް ދީގެން 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ވެލިއު އެޑިޝަނަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ކުރެވިގެންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން މި ބަޖެޓުގައި ވަނީ މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ހިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްގީކުރަން ހިމަނާފައެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ

ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ގާއިމްކުރުމަށް ބަޖެޓުގައި ރާވާފައިވާނެ.
މިނިސްޓަރު އަމީރު

އަމީރު ވިދާޅުވީ ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރާވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަޖެޓް ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަކީ އިމްޕޯޓު މަދުކޮށް، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ ސަރުކާރުން މިއަހަރު އެކުލަވާލި އެގްރޯ ނެޝަނަލް ކޯޕަރޭޝަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމާއެކު ކޮންޓްރެކްޓް ފާމިން ފަދަ އާ ކަންކަން އެ ސިނާއަތަށް ތައާރަފް ކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއެކު އެތަކެތި މާކެޓްކޮށް ވިއްކުމަށް މަގުފަހި ކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މި ބަޖެޓުން އެހީތެރިވެ ދޭނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓްގައިވާ ގޮތުން ހަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވެނީ 33.3 ބިލިއަން ރުފިޔާ ކަމަށް ވާއިރު، ބަޖެޓާއި ހަރަދާއި ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާއިން ކަމަށް މިނިސްޓަރު އަމީރު ވަނީ ވިދާޅުވެފައެވެ.