އިންޑިއާގެ ހައިދަރުއާބާދުގައި އޮންނަ ހުސައިން ސާގަރު ކޯރުން، މީހުންގެ ހަށިގަނޑު ނެގުމުގައި ޝިވާ ހަރަކާތްތެރިވާތާ އެތައް އަހަރެއް ވެއްޖެއެވެ. މި ގޮތުގައި ދުވަސްތައް ދަނިކޮށް، ކޯރަށް ފުންމާލައިގެން އަމިއްލައަށް މަރުވާން އައި މީހަކު ހުއްޓުވަން ވެސް ހުއްޓުވިއެވެ. އެއީ މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ޝިވާ ކުރި ފުރަތަމަ މަސައްކަތެވެ.

ހަމައެކަނި ޝިވާގެ ނަމުން ތައާރަފު ވަމުން އަންނަ މި ބަތޮލް ބުނާ ގޮތުގައި، މި ކަމެއް ފެށުނީ އޭނާގެ އުމުރުން އެންމެ 10 އަހަރުގައެވެ. އެއީ ކޯރުގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އެއްގަމަށް ގެނެސްދޭނެ މީހަކަށް އުޖޫރައެއް ދޭނެ ކަމަށް ބުނެ، އެ ޒިންމާ އަދާކުރާނެ މީހަކު ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ފުލުހުންތަކަކާ ބައްދަލުވި ހިސާބުން ކަމަށް ޝިވާ ބުނެއެވެ.

އިންޑިއާގެ ފުލުހުންގެ އިދާރާއަކީ އެކަށީގެންވާ މިންވަރަށް އިންވެސްޓް ކުރެވިފައި ނެތުމުން، އެންމެ ފުރިހަމަ ތަމްރީނުތައް ލިބިފައި ނުވާ ބައެކެވެ. ގިނަ ފުލުހުންނަކަށް ފަތާކަށްވެސް ނޭނގެއެވެ. ކޯރުތަކުން މީހުން ސަލާމަތް ކުރުމަށާއި އެފަދަ ކަންކަމަށް، ފުލުހުންގެ އިދާރާއިން ބޭރު ޑައިވަރުންނަށް ފައިސާ ދޭން ޖެހެއެވެ. އެހެންކަމުން، ޝިވާ އެ ކިޔައިދިން ފަދަ ހާދިސާއެއް ނުހިނގާނެ ކަމަށް ބެލެވޭ ކަށް ނެތެވެ.

ކޯރުގައި އޮތް ގަބުރު އެއް ގަމަށް ގެނައުމަށް އުމުރުން އެންމެ 10 އަހަރުގެ ޝިވާ ވޮލަންޓިއާ ކުރުމުން ފުލުހުން ހައިރާންވި ކަމަށް ޝިވާ ބުންޏެވެ. އަދި ޝިވާ މާ ކުޑަ ކަމަށް ބުނެ، އެ ޒިންމާ އޭނާއާ ހަވާލު ކުރަން ފުލުހުން ފަސްޖެހުނު ކަމަށްވެސް ޝިވާ ކިޔައިދިނެވެ. އެކަމަކުވެސް، އޭނާ އެކަން ކުރިއެވެ. އުމުރަކުން ނުވާނެ ކަމެއް ނެތް ކަން އޭނާ ސާބިތުކޮށްދިނެވެ. އޭނާގެ މަސައްކަތަށް ފުލުހުން ދިނީ އެންމެ 40 ރުޕީޒްއެވެ. މިހާރުގެ އަގުތަކަށް ބަލާއިރު އެއީ އެންމެ 0.54 ޑޮލަރެވެ. ނަމަވެސް، އޭރު އެއީ ފުދޭ ވަރެއްގެ އުޖޫރައެކެވެ.

އިންޑިއާގެ ހުސައިން ސާގަރު ކޯރުން މީހުން ސަލާމަތް ކުރަން ހަރަކާތްތެރިވާ ޝިވާ، ފުލުހުންގެ އޮފިޝަލަކާއެކު / ފޮޓޯ: ދަ ބެޓާ އިންޑިއާ

އެއީ މީގެ 20 އަހަރު ކުރިއެވެ. މިހާރު އުމުރުން 30 އަހަރު ފުރިފައި ވާ ޝިވާ އަދިވެސް ދެމި ހުރީ ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން މަތީއެވެ.

ޝިވާއަކީ ކޯރުގައި މަރުވާ މީހުންގެ ގަބުރު ނަގަން ހުންނަ މީހެއް ނޫނެވެ. އެކި ސަބަބުތަކާ ހެދި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރު ވަމުން އަންނަ އަދުގެ ދުނިޔޭގައި ކޯރަށް ފުންމާލުމުގެ ކުރިންވެސް ޝިވާ ވަނީ ބައެއް މީހުން ހުއްޓުވާފައެވެ. އަދި އަނެއް ބަޔަކު ކޯރަށް ފުންމާލައިގެން މަރުނުވެ އުޅެނިކޮށްވެސް އެމީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ޝިވާ ވަނީ މަސައްކަތް ކޮށްފައެވެ.

"ކޯރުން ނެގުނީ ކިތައް ގަބުރު ކަން މިހާރު ގުނާ އަދަދު ކުރަންވެސް ދަތި. އެކަމަކު، 114 މީހެއްގެ ފުރާނަ ސަލާމަތް ކުރަން އެހީވިން" ޝިވާ ބުންޏެވެ.

ޝިވާ މިހާރު މަސައްކަތް ކުރަމުން ދަނީ އޭނާގެ އަންހެނުންނަށްވެސް ފަތަން ދަސްކޮށްދޭށެވެ. އެއީ އޭނާ ފަދައިން، މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ނެތުމަށެވެ.

ޝިވާ ދިރިއުޅެމުން އަންނަ ސަރަހައްދުގައި ހުންނަ ފުލުހުންގެ އިދާރާގެ އިންސްޕެކްޓަރު ބީ ދަނާލަކްޝްމީ ވިދާޅުވާ ގޮތުގައި ޝިވާއަކީ ފުލުހުންނަށް ލިބޭ ބޮޑު އެހީއެކެވެ. އަދަދު ކަށަވަރު ނުކޮށްދެވުނު ކަމުގައި ވީ ނަމަވެސް، 100 އަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި ޝިވާ ހަރަކާތްތެރި ވެފައި ވާ ކަން އިންސްޕެކްޓަރު ވެސް ވަނީ ހާމަ ކުރައްވާފައެވެ.

ޝިވާ ބުނާ ގޮތުގައި އޭނާގެ މައިންބަފައިން ކޮބައިކަމެއް އޭނާއަކަށް ނޭނގެއެވެ. ޅަ އުމުރުގެ ދުވަސްތައް ހޭދަ ކުރީ ޔަތީމެއްގެ ގޮތުގައި، މަގުތައް މަތީގައެވެ. ނުވަތަ ޔަތީމު ކުދިންނަށް ހާއްސަ ހިޔާތަކުގައެވެ. ވަކި ހިސާބަކުން ބައްދަލުވި އާއިލާއެއްގެ ގެއަށް ޝިވާވެސް ބަދަލުވީ ކަމަށާ، އޭނާއަށް ފަތަން ދަސްކޮށްދިނީ އެ އާއިލާގެ މެމްބަރެއް ކަމަށް ޝިވާ ބުނެއެވެ. ޝިވާއަށް ފަތަން ދަސްކޮށްދިން މެމްބަރުންވެސް ވަނީ ގެނބިގެން މަރުވެފައެވެ.

މީހުންގެ ފުރާނަ ސަލާމަތް ކުރަން ކުރާ މަސައްކަތުގައި ޝިވާއަށް މާލީ ފައިދާވެސް އޮވެއެވެ. އޭނާގެ ފަރާތުން އެހީ ލިބޭ މީހުންގެ ފަރާތުން ފައިސާގެ ހަދިޔާތައް ދެއެވެ. އިތުރު ކަމެއްވެސް ދިމާވިއެވެ. ޝިވާގެ ވާހަކަ މީޑިއާއަށް ތިލަވާން ފެށުމާއެކު، އޭނާއަކީ މިހާރު ކުޑަވަރެއްގެ ސެލިބްރިޓީއަކަށްވެސް ވެއްޖެއެވެ. ޓެލޫގޫ ފިލްމުތަކުން ކުދިކުދި ރޯލުތައްވެސް ޝިވާ ވަނީ ކަށަވަރު ކޮށްފައެވެ.

ފައިދާތަކެއް ލިބުނަސް، ޝިވާ ކުރަމުންދަނީ އަގުކުރުން ހައްގު ހިދުމަތެކެވެ. ހުސައިން ސާގަރު ކޯރަކީ، ބަޔަކު އަމިއްލައަށް ކޮނުނު ކޯރެކެވެ. މި ކޯރަކީ އެކި ކަހަލަ ނުރައްކާ މާއްދާތަކުން ތަގައްޔަރުވެފައި ވާ ކޯރެކެވެ. ހޫނު މޫސުމުގެ ދުވަސްވަރު އިންތިހާއަށް ވަސް ނުބައިވާ މި ކޯރުގައި ހަރުފަވެސް އުޅެއެވެ. ގިނަ ފަހަރަށް، މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް، މި ކޯރަށް ފުންމާލަން ޝިވާއަށް މަޖުބޫރު ވަނީ ހަށި ރައްކަލަކަށް ބޭނުން ކުރާ އާލާތަކާވެސް ނުލައެވެ.