އަންނަ އަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާއަށް ވެސް 4 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ބަޔާން ހުށަހަޅައި ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގައި ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާއަށް 4 މިލިއަން ރުފިޔާ ކަނޑައަޅާފައި ވާ އިރު، އަންނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ސަރުކާރުން ދެމުން ގެންދާ ހަޔާ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލާޝިޕްތަކަށް ބޮޑު އަދަދެއް ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

"2021 ވަނަ އަހަރު މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުކުރެވިފައިވޭ. މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ."
އިބްރާހިމް އަމީރު

އެ ގޮތުން މިހުރިހާ ސްކޮލާޝިޕްތަަކަށް 551 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓު ކުރެވިފައި ވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ވަނީ ފަހިކޮށްދީފައި ކަަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީފާ ހޯދާ ފަރާތްތަކަށް ހާއްސަކޮށްގެން ރީ-ސްކިލް ކުރުމުގެ ޕްރޮގްރާމެއް އަންނަ އަހަރުގެ ބަޖެޓުން ފެށޭނެ ކަމަށާއި ރިސޯޓުތަކުގެ ސީނިއާ މެނޭޖްމަންޓް މަގާމްތަކުގައި ދިވެހިން އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމް ހިންގުމަށް ބަޖެޓްކުރެވިފައިވާ ކަމަށް ވެސް އަމިރު ވިދާޅުވިއެވެ.

މިއީ އިގްތިސާދީ ހަރަކާތްތައް ފުޅާވެ އަލުން ތަރުތީބުވެ އާރާސްތު ކުރަމުންދާ ދަނޑިވަޅެއްގައި ބޭނުންވާ ވޯކްފޯސް ބިނާކުރުމަށާއި، ތައުލީމަށްޓަކައި ހިޖުރަކުރަން ޖެހޭ މިންވަރު ކުޑަކުރުމަށް އިސްކަންދީގެން ކަނޑައެޅިފައިވާ ބަޖެޓެއް ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް 4 ބިލިއަން ރުފިޔާގެ ބަޖެތެއް ކަނޑާއަޅާފައިވާއިރު އަންނަ އަހަރުގެ ސިއްހީ ދާއިރާއަށް ވެސް ވަނީ 4 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އަންނަ އަހަރުގެ ނަޖެތަށް ފިނޭންސް މިނިސްޓްރީން ވަނީ 34.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.