ކ. ފުށިދިއްގަރުފަޅު ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ސަރުކާރުގެ މައްޗަށް ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް އޮތް ހުކުމެއް ކަމަށް ފެންނާތީ ދައުލަތުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެޓާނީ ޖެނެރަލް އޮފީސް (އޭޖީން) ބުނީ، މި މައްސަލައަކީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން ސަރުކާރާއި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާ ދެމެދު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް އެއްބަސްވެ ޖެނުއަރީ 18، 2013 ގައި ސޮއިކޮށްފައިވާ ޖޮއިންޓް ވެންޗާ އެގްރީމަންޓުގެ ދަށުން ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓަރީ ކޮށްދީފައި ނުވާތީ އެކަމާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެގޮތުން ޕްރައިމް ކެޕިޓަލް މޯލްޑިވްސުން ދައުވާ ކޮށްފައި ވަނީ ޖޮއިންޓް ވެންޗާ ކުންފުންޏަށް ސަރުކާރުން ދޫކުރަން ނިންމާފައިވާ ފުށިދިއްގަރު ފަޅުގެ ލީޒް އެގްރީމަންޓުގައި ސޮއިނުކުރެވި ލަސްވެގެން ގޮސްފައިވާތީ އެ ކުންފުޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް ބުނެ އެ ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓަރީ ކޮށްދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ މައްޗަށް އެންގުމަށެވެ. އަދި އެ ފަޅު ލީޒް ކުރުމާ ބެހޭގޮތުން އެއްބަސްވެފައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ދިވެހި ސަރުކާރުގެ މައްޗަށް އަމުރު ކޮށްދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސްއާއި މިނިސްޓްރީ އޮފް ޓޫރިޒަމަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޕްރައިމް ކެޕިޓަލްމޯލްޑިވްސް ލިމިޓެޑުން ދައުވާކޮށްފައި ވެއެވެ.
އެގޮތުން، ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ޖުލައި 15، 2014 ގައެވެ. އެހުކުމްގައި ވަނީ ހުކުމް ކުރިތާ ހަތް ދުވަހުގެ ތެރޭގައި ޖޮއިންޓް ވެންޗާ ކުންފުނި ރަޖިސްޓްރީ ކޮށްދިނުމަށާ ރަޖިސްޓްރީ ކުރާތާ ފަސް ދުވަހުގެ ތެރޭގައި މައްސަލާގައި ދައުވާކުރާ ފަރާތުން ހުށަހަޅާފައިވާ މާސްޓާ ލީސް އެގްރީމަންޓްގައި ސޮއިކުރުމަށެވެ.
ސިވިލް ކޯޓުން 2014 ގައި ބެލި މައްސަލައިގައި ދައުލަތުގެ ފަރާތުން ޖަވާބުދާރީވެފައި ވަނީ ޖޮއިންޓް ވެންޗާ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ކަމުގައި ބަލައިގެންނެވެ. ޕްރެސިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީގެ ތަހުގީގު ރިޕޯޓުގައި އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭގޮތަށް ދައުލަތަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް ކަމަށް ބަޔާންކޮށްފައި ވެއެވެ.
އެހެންކަމުން ޖޮއިންޓް ވެންޗާ އެއްބަސްވުމަކީ ގާނޫނާ އެއްގޮތަށް ސޮއިކޮށްފައިވާ ސައްހަ އެއްބަސްވުމެއް ނޫންކަމަށް އެނގެން އޮންނާތީ މި މައްސަލައާ ގުޅިގެން ލިބިފައިވާ އާ ހެއްކާއި މައުލޫމާތުތަކަށް ބަލައި މި މައްސަލައިގެ ހުކުމަކީ ފާޅުކަން ބޮޑު ގޮތެއްގައި އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް އޮތް ހުކުމެއް ކަމަށް ފެންނާތީ އެ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި މިއަދު ވަނީ އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށް އޭޖީން ބުނެއެވެ.
ފުށިދިއްގަރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސަންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް ނެޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ނޮވެމްބަރު 29، 2011 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެދުވަހު ނިންމީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ތެރެއިން ބިމު ކުލި ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.
ނަމަވެސް އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ހިލާފަށް އަމަލު ކުރައްވާފައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައި އޮތް 50 ޕަސަންޓުގެ ބަދަލުގައި 25 ޕަސަންޓް ދައުލަތުގެ ހިއްސާ އޮންނަ ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޖިހާދު ވަނީ ޖެނުއަރީ 13، 2013 ގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައެވެ. އެހެން ކަން ކުރުމުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ފައިދާއިން ބިމުކުލީގެ ގޮތުގައި 604 މިލިއަން ޑޮލަރު އުނިވެފައި ވާއިރު، 50 ޕަސަންޓުގެ ހިއްސާ، 25 ޕަސަންޓަށް ބަދަލުވުމުން ކުންފުނީގެ ވިޔަފާރި ފައިދާއިން ވެސް ދައުލަތަށް ވަނީ ގެއްލުން ލިބިފައެވެ.
މި މައްސަލަ 2013 ގެ އޮގަސްޓް މަސް ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި، އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު 2016ގެ ފެބްރުއަރީ ގައި ވަނީ ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައެވެ. ހަމައެއާއެކު މި މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅުމުން މިއީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ވާތީ އެ މައްސަލަ ޕީޖީއަށް ހުށަހެޅުމުން ވަނީ ޖިހާދުގެ މައްޗަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ދައުވާކޮށްފައެވެ.