މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވި މައްސަލައަށް ގޮތް ނިންމަން ތައްޔާރު ވެއްޖެއެވެ.
ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމް (ޕީޖީ) ވިދާޅުވީ، ޝިފާ އަކީ އާއިލީ ބޭފުޅަކަށް ވާތީ އެ މައްސަލައިން ތަނާޒުލް ވެވަޑައިގެންފައި ވާ ކަމަށާއި، ގޮތް ނިންމުން ޑެޕިއުޓީ ޕީޖީއާ ހަވާލު ކުރައްވައިފައި ވާ ކަމަށެވެ.
މައްސަލަ ލަސްވާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަަށާ ނަމަވެސް މި ހަފްތާ ތެރޭގައި އެ މައްސަލައަށް ގޮތެއް ނިމިގެން ދާނެ ކަމަށް ޕީޖީ ވިދާޅުވިއެވެ.
މީގެ ކުރިން އޭސީސީން ބުނެފައި ވަނީ ސިފާގެ މައްޗަށް ދައުވާ ކުރުމަށްޓަކައި ފޮނުވާފައި ވަނީ، މާލޭ ލޮނުޒިޔާރަތް ކޮޅު ސަރަހައްދުގައި ޕާކު ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫއުގައި ހިމެނޭ އިމާރާތް ތަކުގެ މަސައްކަތްތަކުގެ ތެރެއިން 02 ފާހާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައި ވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި، ދެފުށްފެންނަ އުސޫލަކުން ނޫންކަން އެ ކޮމިޝަންގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ބިޑް ކޮމިޓީއިން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައި ނުވާކަން ފާހަގަ ކޮށްފައި ވާއިރު އަަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ސިފާ އަށް ކަމަށް ވެފައި، އެ ހުއްދަ ދެއްވީ މޭޔަރު ސިފާ ކަން އެ ކޮމިޝަންގެ ތަހުގީގުން އެނގިފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ. އަދި އެކަން ހިނގަމުން ދިޔައިރު މަސައްކަތް ހުއްޓުވުމުގެ ބާރު ލިބިވަޑައިގެންފައި އޮވެ މަސައްކަތް ހުއްޓުވާފައި ނުވާކަން ވެސް ތަހުގީގުން ފާހަގަ ވެފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ހަމައެހެންމެ ސްރީލަންކާގެ ކުންފުންޏަކުން ދެ ފާހާނާބަރީގެ މަސައްކަތް ކޮށްދޭ ފަރާތަކަށް ފައިސާ ދައްކާނެ ކަމަށް މޭޔަރު ސިފާ އެޑްރެސްކޮށް މާލޭ ސިޓީ ކައުންސިލަށް އޮކްޓޫބަރު 15، 2019 ގައި ފޮނުވާފައިވާ ސިޓީގައި ބުނެފައި ވާއިރު، ވަކި ކުންފުންޏަކާ މަސައްކަތް ހަވާލު ކުރުމަށް އެ ކުންފުނިން އެދިފައި ނުވާކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން އޭސީސީން ބުނެފައި ވަނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެއްބަސްވުމެއްގެ ދަށުން ނޫންކަމަށް ވާތީ މަސައްކަތުގެ ތަފްސީލް އެނގެން ނެތްކަމާއި، ޖުމްލަ 3 މެމޯއަކުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި އެކި ދުވަސް މަތިން މޭޔަރު ސިފާ ބިޑް ކޮމިޓީގައި އެދިފައި ވާއިރު، މަސައްކަތް ފެށިކަމަށް ބުނާ ތާރީހުގެ ފަހުން ވެސް 02 ފާހާނާބަރި ހިމެނޭގޮތަށް އިމާރާތް ތަކުގެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅައި ދިނުމަށް އެދި މޭޔަރު ސިފާ ބިޑް ކޮމިޓީއަށް އޮކްޓޫބަރު 21، 2019 ގައި މެމޯ ފޮނުވާފައި ވާކަމާއި، އެ މެމޯ ފޮނުވިއިރުވެސް އަމަލީ ގޮތުން އެ މަސައްކަތް ފަށާފައި ވާކަން ތަހުގީގުން އެނގިފައިވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
އެހެންކަމުން، ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން އަމިން ކޮންސްޓްރަކްޝަން އާ މަސައްކަތް ހަވާލުކުރުމަށް މަސައްކަތް ކޮށްފައި ވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 10.25 ވަނަ މާއްދާގައި ބަޔާން ކުރާފަދަ ހާލަތެއް ދިމާވެފައި ވާކަމަށް ތަހުގީގުން ގަބޫލުނުކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި ފާހާނާބަރި ފިޔަވައި ހަދަން ހުރި އިމާރާތްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ވަނަ އަހަރުގެ ތެރޭގައި އިއުލާނު ކޮށްފައި ވާތީ އެ އުސޫލުން ކުރިންވެސް ހުރިހާ މަސައްކަތެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތްކަމާއި، ހުރިހާ އިމާރާތެއްގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން އަމީން ކޮންސްޓްރަކްޝަން އާ ހަވާލުކުރުމަށް ކައުންސިލްގެ އިދާރާއިން ފުރަތަމަ މަސައްކަތް ކޮށްފައި ވާކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.
އެ މައްސަލައިގެ ތަހުގީގު ފެށިފަހުން، ދެންހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2019 ގެ ޑިސެންބަރު މަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއިން އިއުލާނު ކޮށްފައި ވާކަމަށާއި ނަމަވެސް އެ މަސައްކަތްތައް އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ނުވާކަން ތަހުގީގުން އެނގިފައިވާ ކަމަށް އޭސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.