މީގެ ކުރިން މާލޭގެ ރައްޔިތުން ފެނަށް ޖެހުނު ނަމަވެސް މިހާރު އެކަން ހައްލުވެފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ކުރިން މާލެ ސިޓީގެ ފެނުގެ ރިޒާވު ހުންނަނީ އެންމެ ދުވަހަކަށް ވާވަރަށް ކަމަށެވެ.

ނަމަވެސް މިހާރު ހަވީރީ ހިނގުމުގަ އާއި ކަލާފާނު ސްކޫލު ސަރަހައްދުގައި ހުންނަ ޕްލާންޓްތައް ބޭނުން ކުރެވި އެކަށީގެން ވާވަރަށް ފެން ރިޒާވު ކުރެވޭތީ ދެވަނަ ފެނުގެ ކާރިސާއެއް މާލެ ސިޓީއަށް ކުރިމަތި ނުވާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

މީގެ އިތުރުން ޝާހު ވިދާޅުވީ ހުޅުމާލޭގައި ފެނުގެ ވިއުގަ ގުޅާލުމުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށާއި މިހާރު އެމަސައްކަތް ވަނީ ކޮންޓްރެކްޓަރާ ހަވާލު ކުރެވިފައި ކަމަށް ޝާހު ވިދާޅުވިއެވެ.

ނަމަވެސް މިވަގުތު އެ މަސައްކަތް މަޑުޖެހިފައި ވަނީ ފެން ޕަންޕް ބަހައްޓަން ޖެހިފައިވާ ތަނުގައި ރައީސް އޮފީހުގެ ނާސަރީ ހުރުމުން ކަމަށާއި އެ މައްސަލަ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އަށް ހުށައަޅާފައި ވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.