އިންގްލިޝް ޕްރިމިއާ ލީގުގައި މިއަދު އެވަޓަންއާ މެންޗެސްޓާ ޔުނައިޑެޓް ބައްދަލުކުރި މެޗު 3-1 އަކުން ޔުނައިޑެޓް ކާމިޔާބުކޮށްފިއެވެ.
މެޗުގެ 19 ވަނަ މިނެޓްގައި ލަނޑު ޖަހާ ލީޑު ނެގީ އެވަޓަންއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބަނާޑްއެވެ. އެއަށް ފަހު މާގިނަ އިރު ތަކެއް ނުވެ މެޗުގެ 25 ވަނަ މިނެޓްގައި ޔުނައިޑެޓްގެ ޑިފެންޑަރު ލޫކް ޝޯ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލާ މިއަހަރުގެ ކުރީކޮޅު އެޓީމާ ގުޅުނު ބްރޫނޯ ފަނާންޑޭޒް މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ.
2-1 އަކަށް ސްކޯ ހެދީ ވެސް ފަނާންޑޭޒްއެވެ. އެއީ މެޗުގެ 32 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ނަގާދިން ހުރަހެއް ގޯލަށް ވައްދާލައިގެންނެވެ. މި ސްކޯ ލައިންގައި ފުރަތަމަ ހާފް ނިމިގެން ދިޔަ އިރު ދެވަނަ ހާފްގައި އެވަޓަންއިން ހަމަލާތަކެއް އުފެއްދިއެވެ. އަދި ޔުނައިޑެޓްގެ ޑިފެންސް ފޫއަޅުވާލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް މިކަން އެޓީމަށް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. ބަދަލުގައި ދެން ވެސް ލަނޑު ޖެހީ ޔުނައިޑެޓުންނެވެ.
އެއީ މެޗު ނިމެން ކުޑަތަންވެފައިވަނިކޮށް އެޓީމުން އުފެއްދި ކައުންޓާ އެޓޭކް ހަމަލާއެއް ނިންމާލައިގެންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މި ސީޒަންގައި އަލަށް ގުޅުނު ޔުރުގާއީގެ ފޯވަޑް އެޑިންސަން ކަވާނީއެވެ. މިއީ އޭނާ ޔުނައިޑެޓްއަށް ޖަހާ ދިން ފުރަތަމަ ލަނޑެއެވެ.
މި މެޗުން ލިބުނު މޮޅާއެކު ޔުނައިޑެޓްގެ ކޯޗު އޮލެ ގުނަ ޝޮލްސްކިއާއަށް ހިތް ހަމަޖެހުމުގެ ނޭވާއެއް ލެވޭނެއެވެ. އެޓީމުން އެންމެ ފަހުން ކުޅުން ދެ މެޗުން ވެސް ޖައްސަ ޖައްސައިގެން ބަލިވެފައިވާ އިރު މިއަދު ލިބުނު ތިން ޕޮއިންޓާއެކު ޔުނައިޑެޓް މިހާރު އޮތީ ލީގު ތާވާލުގެ 13 ވަނައިގައެވެ.
ރީތި ހިތްގައިމު ކުޅުމަކާއެކު ސީޒަން ފެށި އެވަޓަން އަނެއްކާވެސް ބަލިވުމާއެކު މިވަނީ ތާވާލުގެ ފަސްވަނައަށް ވެއްޓިފައެވެ.