ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނެއް އިންޑިއާއަށް ލިބިއްޖެ ނަމަ، ދިވެހިރާއްޖެއަށް ވެސް އެ ވެކްސިން ފޯރުކޮށް ދޭނެ ކަމަށް، ދިވެހިރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ސުދީރު ވިދާޅުވީ، އިންޑިއާ ވެކްސިންގެ 3 ވަނަ މަރުހަލާ ގުނަމުން ދާ ކަމަށާއި، އުއްމީދަކީ ވީހާވެސް އަވަހަކަށް ވެކްސިން ލިބުން ކަމަށެވެ.

ދަ ޕްރެސްގެ ޓީމަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއެއްގައި ސުދީރު ވިދާޅުވީ، ކޮވިޑް-19ގެ ކާރިސާގައި އިންޑިއާއަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައި ވާ ގައުމެއް ކަމަށެވެ. އެގޮތުން، ބަލީގެ ފުރަތަމަ ކޭސްތައް ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހި ރައްޔިތުން، ރައްކާތެރި ކަމާއެކު ރާއްޖެ ގެނެސް ދިނުމުގައި އިންޑިއާ އިން އަދާކުރި ދައުރު، ސުދީރު ވަނީ ފާހަގަ ކުރައްވާފައެވެ. ދިވެހިންނަކީ އެންމެ ފުރަތަމަ ވުހާންއިން ބޭރަށް އިވަކުއޭޓް ކުރެވުނު ރައްޔިތުންނެވެ.

ކޮވިޑް-19އާ ގުޅިގެން އިންޑިއާއިން ވަނީ ބޭސްފަރުވާގެ ގޮތުންވެސް ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށް ދީފައެވެ. ހަމަ މިއާއެކު، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދު ކުރުމުން، ޒަރޫރީ މުދާ ހޯދުމުގައި ދިވެހިންނަށް ދައްޗަކާ ކުރިމަތިލާން ނުޖެހޭ މިންވަރަށް، އިންޑިއާއިން ދިޔައީ މިފަދަ މުދާ ރާއްޖެއަށް ފޯރުކޮށްދެމުން ކަންވެސް ފާހަގަ ކުރަންޖެހެއެވެ.

އިންޑިއާގެ އެހީ، ފަންނީ ރޮނގުންވެސް ރާއްޖެއަށް ދެމުން ދާ ކަން ހައި ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ވެކްސިނަށް ސިއްހީ ދާއިރާގެ ބޭފުޅުން އަހުލުވެރި ކުރުވުމަށް، މިހާރުވެސް މަސައްކަތްތަކެއް ކޮށް، ތަމްރީނު ދެވެމުން އަންނަ ކަމަށް ހައި ކޮމިޝަނަރު ވިދާޅުވިއެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އުފެދުނު އާ އާންމު ހާލަތާއި، ދަތުރު ކުރަން ރައްކާތެރި "ޓްރެވަލް ބަބްލް"ގެ ފުރަތަމަ ބައިވެރިންގެ ތެރޭގައި އިންޑިއާއިން ދިވެހިރާއްޖެ ދަފުތަރު ކުރުމުގައިވެސް މަންފާ ބޮޑީ ދިވެހިންނަށް ކަމަށް ސުދީރު ފާހަގަ ކުރެއްވިއެވެ. އެގޮތުން ދިވެހިންނަކީ ފަތުރުވެރި ކަމުގެ ސިނާއަތަށް އިންތިހާއަށް ބަރޯސާވެފައި ވާ ބަޔަކަށް ވީ ހިނދު ޓްރެވަލް ބަބްލްގެ ސަބަބުން ރާއްޖެއަށް ކުރާނެ ފައިސާ ބޮޑު ކަމަށް ސުދީރު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިންޑިއާއިން ރާއްޖެއަށް ދެމުންދާ މާލީ އެހީއަކީވެސް، ދޭދޭ ގުޅުންތަކުގެ ބަދަހި ރަމްޒެކެވެ. ވަކިން ހާއްސަކޮށް، ސިއްހީ ދާއިރާގައި ދެގައުމުގެ ބަދަހި ގުޅުމުގެ ވާހަކައަކީ ނުދައްކާ ދޫކޮށްލެވެން އޮތް ވާހަކައެއް ނޫނެވެ. ސިއްހީ ދާއިރާގައި ދިވެހިރާއްޖެއަށް ބޭނުން ޖެހިފައި އޮތް ހުރިހާ ކަމެއްގައިހެން ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ، އަދި މިހާރުވެސް ފޯރުކޮށްދެމުންދާ ގައުމަކީ އިންޑިއާއެވެ. މި ކަމުގެ ކުޑަ މިސާލަކީ، ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލޭ ސިޓީގެ އެންމެ ހުޅަނގު ދެކުނު ސަރަހައްދުން ފެންނަން މިއަދު އެހުރި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ނުވަތަ އައިޖީއެމްއެޗް އޭ ދެންނެވުމަކީ އެހެން ކަމަކަށް ނުވަތަ ބަޔަކަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެކަން ޔަގީނެވެ.