ދިވެހި ކަނޑު މަސް ލަންކާއަށް އެތެރެ ނުކުރެވޭނެ ކަމަށް ބުނާ މައްސަލަ ބަލަމުން ދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދިވެހި ކަނޑުމަހުގެ ބާވަތްތައް ސްރީލަންކާ އަށް އެތެރެ ކުރުން މަނާކޮށްފައި ވާ ކަމަށް މީޑިއާތަކުގައި ފެތުރިފައިވާ ހަބަރުތަކާ ގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރާ މިހާތަނަށް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން އިތުރަށް ބުނީ ދިވެހިރާއްޖޭގެ ކަނޑު މަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ސްރީލަންކާއަށް އެތެރެ ކުރެވޭނެ ކަމުގެ ޔަގީންކަން ސްރީލަންކާ ސަރުކާރުން ދިވެހި ސަރުކާރަށް، އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ދީފައިވާ ކަމަށެވެ.

ލަންކާއަށް އެހެން ގައުމަކުން މަސް އެތެރެ ނުކުރެވޭ ގޮތަށް ހަދަން އެގައުމުގެ އާ ސަރުކާރުން މަސައްކަތް ކުރާ މި ދަނޑިވަޅުގައި މިހާރު ވެސް ރާއްޖެއިން ދަނީ ލަންކާއަށް މަސް އެކްސްޕޯޓް ކުރަމުންނެވެ.

އެެކަމަކު ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ލަންކާއަށް ރާއްޖޭގެ މަސް އެކްސްޕޯޓް ނުކުރެވުން ނަމަވެސް މާބޮޑު ގެއްލުމެއް ނުވާނެ ކަަމަށާއި ރާއްޖޭގެ އަމާޒަކީ އަގުބޮޑު ބާޒާރުތަކަށް މަސް ވިއްކުން ކަމަށެވެ. އަދި ލަންކާއިން އެހާ ބޮޑު އަގެއް ނުލިބޭކަން ވެސް ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އެކި ރައްރަށުގައި އެތައް ހާސް ކިލޯއެއްގެ ހިކިމަހާއި ލޮނުމަސް ނުވިކި ހުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

އެގޮތުން ލަންކާގައި ކޮވިޑާ ގުޅިގެން ކާފިއު އިއުލާން ކޮށްފައި ވާތީ އާއި ސްރީލަންކާ ސަރުކާރުން ހިކިމަސް އަދި ލޮނު މަހުގެ ޑިއުޓީ އިތުރު 100 ޕަސަންޓު ބޮޑުކުރުމާ ގުޅިގެން ސިލޯނު ބަނދަރުގައި އޮތް އެލިއަން ބޯޓުގައި، ރާއްޖޭން ފޮނުވި 40 ފޫޓުގެ 2 ކޮންޓެއިނަރަކާއި 20 ފޫޓުގެ 3 ކޮންޓެއިނަރެއްގެ ހިކިމަހާއި ލޮނުމަސް ނެރުން "އަދު ނޫން މާދަން ވެފައި" ވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.