ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދަޢުވަތަކަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މި މަހުގެ އަށަކުން 10 އަކަށް ދިވެހިރާއްޖެ އަށް ރަސްމީ ދަތުރެއް ކުރެއް ވުމަށް ހަމަޖެހިއްޖެއެވެ.

އެ ދަތުރުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.

އޭގެ އިތުރުން އޭނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެހެންމެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އާއި މިނިސްޓާ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓާ އޮފް ފިނޭންސް އާއި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ އިތުރުން މިނިސްޓާ އޮފް ޑިފެންސް އަދި މިނިސްޓާ އޮފް ޓޫރިޒަމް އާ ބައްދަލުކުރައްވާނެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމާ އޭނާ ޖެނުއަރީ 29، 2020 ގައި ހަވާލު ވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.