ކޯނީ ރިޕޯޓްގައި ހުރި ކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އިތުރު ބަޣާވާތެއް ކޮށްފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7 ފެބްރުއަރީ ގައި ހިނގި ފަދަ ،ސަލާމަތީ ބާރު ތަކުން ބަޔަކު ގައުމަށް ވީ ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަން ކޯނި ރިޕޯޓުން ފާހަގަ ކޮށްފައި ވާނެ ކަމަށެވެ.

އެކަންކަން ތަންފީޒު ނުރުރާހާ ހިނދަކު އަނެއްކާވެސް ބަޣާވާތެއް ނުކުރާނެ ކަމަށް ދަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއެވެ.

ނަޝީދު އެހެން ވިދާޅުވެފައި ވަނީ މި ސަރުކާރު ވައްޓާލަން ނުކުތުމަކީ މިހާރު އޮތް ފުލުހުންގެ މުއައްސަސާ އިން ކުރާނެ ކަމެއް ނޫން ކަމަށް މިއަދު ރާއްޖެ ޓީވީގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމާ ގުޅިގެންނެވެ.

ސީޕީ ވަނީ އެކަމުގެ ފުރިހަމަަ ޔަގީންކަން އެބައޮތް ކަމަށާ އެ ޔަގީންކަން ރައްޔިތުންނަށް ވެސް ދެއްވާ ކަމަަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން 7 ފެބްރުއަރީއަށް އިޝާރާތް ކުރައްވައި، އެއީ މާޒީ ކަމަށާއި އެ މާޒީން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ބަޣާވާތެއް ވާހަކަ ރައީސް ނަޝީދު ދައްކަވާ އިރު، 7 ފެބްރުއަރީގައި ކުރީ ބަޣާވާތެއް ނޫން ކަމަށް އެ ކަން ތަހުގީގު ކުރި ރިޔާސީ ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެކަން އޭރު ސިޔާސީ ފަރާތްތަކުންވެސް ބަލައިގަތެވެ. ނަމަވެސް މިހާރު، އެއީ ބަޣާވާތެއް ކަމަށާއި އެކަން ހިނގި ގޮތް ބަލައި ނުގަންނަ ކަމަށް އޭރު ވެރިކަން ކުރީ ޕާޓީ އެމްޑީޕީއާއި އެ ޕާޓީގެ ރައީސް ގެންދަަނީ ވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ ހިންގި ހަމަނުޖެހުން ތަކަށް ފަހު ރައީސްގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.