ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މިއެމްއޯޔޫގެ މަގްސަދަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހުޅުމާލޭގައި ހިންގޭ ޕްރޮޖެކްޓްތަކުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އެގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވުމަށް މަގުފަހިކޮށް އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުމާ ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން އިސްނަގައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގައި ކޮންސެޝަނަލް ރޭޓް އެއްގައި ޖާގަ ފޯރުކޮށްދިނުން ހިމެނެއެވެ.
އޭގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމާ އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން ހިންގާ ހަރަކާތްތަކަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އިން ދެވެން އޮތް އެހީތެރިކަމެއް ދިނުމާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ދުރު ރާސްތާގެ ޕްލޭންތައް ހެދުމާ އެފަދަ ވިޔަފާރި ތަކަށް ފުރުސަތު ހޯދައި ދިނުމަށް ދެ ކުންފުނިން ގުޅިގެން މަސައްކަތް ކުރުން ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެއެވެ.
އެ އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓާ ސުހައިލް އަހްމަދެވެ.
ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒްލީނާ ފާކިރްއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ އެމްއޯޔޫގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފޯރުކޮށްދީ އެފަދަ ވިޔަފާރިތައް ކުރިއަރުވާ ތަރައްގީ ކުރުމަށް މިނިސްޓްރީ އިން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.