ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާ އާ ހަމަޔަށް ދޫކުރާ ގްރީން ލޯން ތައާރަފު ކޮށްފިއެވެ.
ބީއެމްއެލް އިން ބުނީ އެ ލޯނަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކުން އިޔާދަކުރަނިވި ހަކަތަ އަށް އަމާޒު ކޮށްގެން ހިންގާ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ގްރީން ލޯނަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ތައާރަފު ކުރި ލޯނެއް ކަމަށެވެ.
އެގޮތުން އެ ލޯނަކީ ޝަރުތު ހަމަވާ ކަސްޓަމަރުންނަށް 50،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ހަމަޔަށް އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ގްރީން ލޯނެކެވެ.
އެ ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭއިރު އިންޓްރެސްޓް ރޭޓަކީ 12 ޕަސެންޓް ކަމަށާއި ރަހުނަކާ ނުލައި ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ އެ ލޯނުގެ އިންޓަރެސްޓް ދަށް ކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް މިހާރު ވަނީ 10 ޕަސެންޓަށް ދަށް ކޮށްފައި ކަމަށާއި ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ 15 ޕަސެންޓް އަމިއްލައަށް ހަރަދު ކުރަން ޖެހޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެ ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބެއެވެ.
ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން އެ ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުން ކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.
ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައި ވަނީ އިޔާދަ ކުރަނިވި ހަކަތައިގެ ޕްރޮޖެކްޓް ތަކުގެ ތެރެއިން އިރުގެއަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނާޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓް ތަކަށް އިންވެސްޓް ކުރުމަށެވެ.
ބީއެމްއެލްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިންގް ޑައިރެކްޓާ މޫސާ ނިމާލް ވިދާޅުވީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުން ދާ ނިސްބަތަށް ބަލައި، އަދި ހަމައެހެންމެ ރަހުނަކާ ނުލައި ގްރީން ލޯން ދޫކުރެވޭ ގޮތަށް އެ ގެނެވުނު ބަދަލުތަކާއެކު އިޔާދަ ކުރަނިވި ހަކަތައިގެ ޕްރޮޖެކްޓް ތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.