މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ވެއްޖެއެވެ.

ކްރިމިނަކް ކޯޓުން ބުނީ މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ.

މިއަދު ބާއްވަން ތާވަލު ކޮށްފައިވާ އަޑުއެހުމަކީ ދައުލަތުން ހުށަހަޅާފައި ވާ ހެކިންގެ ހެކި ބަސް ނަގަން ތާވަލު ކުރި އަޑުއެހުމެކެވެ. އަޑުއެހުން ކެންސަލްވީ ހެކިން ހާޒިރު ނުވުމުންނެވެ.

އަނަސް މަރުގެ މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި، އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މުބީން ވިދާޅުވީ އަނަސް މަރުވެފައި ވަނީ އޭނާއަށް ދީފައިވާ ހަމަލަތަކުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބި ހިތް ހުއްޓިގެން ކަމަށެވެ.

އެގޮތުން އޭނާގެ ހަށިގަނޑުގެ އެތައް މިތަނުން ޒަހަމްތައް ފެންނަން ހުރި އިރު ފުރާނައަށް ނުރައްކާވާ ގޮތަށް، ކަރުގެ ކަނާއަތް ފަރާތަށް ދީފައި ހުރި ޒަހަމްތަކާއި ފުއްޕާމޭގެ ކުރިމައްޗަށާއި އަރިމައްޗަށް ދީފައިވާ ޒަހަމްތައް ފެންނަން ހުރި ކަމަށް ޑރ. މުބީން ވަނީ ވިދާޅުވެފައެވެ. އަނަސްގެ ހަށިގަނޑަށް ދީފައިވާ އެންމެ ނުރައްކާތެރި ޒަހަމްތައް ފާހަގަ ކުރެއްވުމަށް ފަހު ޑރ. ވިދާޅުވީ އޭގެ އިތުރުން ވެސް އަނަސްގެ ހަށިގަނޑިގައި 24 ވަރަކަށް ޒަހަމް ފެންނަން ހުރި ކަމަށެވެ.

އަނަސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާއިރު، އެއްވެސް ވަރަކަށް ވިންދެއް، ޕްރެޝަރެއް، ނޭވާލުމެއް ކަހަލަ އެއްވެސް ކަމެއް ނެތް ކަމަށާއި އަނަސްއަށް ލިބިފައި ހުރި ޒަހަމް ތަކަކީ ވަގުތުން މީހާ މަރުވާ ފަދަ ޒަހަމްތަކެއް ކަމަށްވެސް އެ ޝަރީއަތުގައި މުބީން ވަނީ ވިދާޅުވެފައެވެ.

އަނަސްއަށް ހަމަލާ ދީފައި ވަނީ ސައިކަލު ތަކެއްގައި ދިޔަ ހަތަރު މީހަކު ކަމަށާއި ހަމަލާ ދިނުމަށް ފަހު އެ މީހުން ފިލި ކަމަށް އޭރު ފުލުހުން މައުލޫމާތު ދީފައި ވެއެވެ. އަނަސް މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އިރާ ކޮޅެވެ.

އެ މައްސަލާގައި ދައުވާ ކުރާ ހަތް މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދަށް ތާވަލު ކޮށްފައި އޮތީ ހެނދުނު 9:30 އަށެވެ.

އެ މައްސަލައިގައި ދައުވާ ކޮށްފައިވާ 7 މީހުންނަކީ ލ. ގަން/ނަންނާރިގެ ޖުނައިހު އަބްދުﷲ، ސ. ފޭދޫ/ވެސްޓަންވިލާ ހަސަން މަހްފޫޒް، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ، ޅ. ކުރެންދޫ/އަސަރުމާގެ އަހުމަދު ޒަޔާން، މ. ދިމިޝްގު އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާންގެ އިތުރުން ތ. ކިނބިދޫ/ގުލްފާމްގެ މުހައްމަދު ސާޒްއެވެ.

އަނަސްގެ މަރުގެ މައްސަލާގައި ސާޒު، ޖުނައިދު، މަހްފޫޒު އަދި ސިމާހުގެ މައްޗަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައި ވާއިރު، ޒަޔާން، އަފްރާހު އަދި އުސްމާންގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.