ރާއްޖޭގެ ސްކޫލްތަކަކީ ކާރިސާތަކަށް، ރައްކާތެރި ތަންތަނުގެ ގޮތުގައި ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ "ސުނާމީ އެވެއާނެސް ޑޭ" އާ ގުޅުވައިގެން މިނިސްޓަރު ވިދާޅުވީ ސުނާމީ ފަދަ ކާރިސާތަކަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ފެށޭ ފުރަތަމަ މަރުކަޒަކީ ސްކޫލްތައް ކަމަށް ވުމަކީ މުހިންމު ކަމެއް ކަމަށާއި އެއީ ކާރިސާތަކާ ގުޅޭ މައުލޫމާތު އެންމެ ފުރަތަމަ ފޯރުކޮށްދެވޭ ތަންތަނަކީ ސްކޫލްތައް ކަމަށް ވާތީ ކަމަށެވެ.

އެގޮތުން ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތައް ނުވަތަ އިވެކުއޭޝަން ސެންޓަރުތަކުގެ ގޮތުގައި ބޭނުން ކުރެވޭ އެންމެ އެކަށޭނަ ތަންތަނަކީ ގިނަ ރަށްރަށުގައި ސްކޫލްތައް ކަމަށް މިނިސްޓަރު ވިދާޅުވެއެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ ސްކޫލުތަކުގެ އިސްވެރިންނާއި މުދައްރިސުންނާއި، ބެލެނިވެރިންނާއި ދަރިވަރުން އަދި ސްކޫލު މުޖުތަމައުއަކީ ކާރިސާތަކަށް، ތައްޔާރުވެ ތިބި ބާރުވެރި ބަޔަކަށް ވުމަށް އިލްތިމާސް ކުރައްވާފައެވެ.

"ސުނާމީ އެވެއާނެސް ޑޭ" ރާއްޖޭގައި ފާހަގަ ކުރަމުން ދާއިރު، 2004 ވަނަ އަހަރު ކުރިމަތިވި ހިތާމަވެރި ސުނާމީ ކާރިސާގައި 108 ދިވެއްސަކު ނިޔާވެފައި ވެއެވެ. މީގެ ތެރޭގައި ހިމެނޭ ކުދިންގެ ތެރެއިން 32 ކުދިންނަކީ އުމުރުން 3 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ.