ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ފަހުކޮޅު، އެ ގައުމުން 9 މިލިއަނެއްހާ މީހުންނަށް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ދިނުމަށް ރާވަމުން އަންނަ ކަމަށް، އިންޑޮނޭޝިއާގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާއިން ޑިސެމްބަރު މަހު ކުރިއަށް ގެންދާ ވެކްސިން ކެމްޕޭންގައި ބޭނުން ކުރާނީ، ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކޮށްފައި ވާ ވެކްސިން ކަމަށްވެސް އިންޑޮނޭޝިއާ ސަރުކާރުގެ އިސް ވަޒީރުންގެ ތެރޭގައި ގުނާލެވޭ މެރިޓައިމް އެފެއާޒް އެންޑް އިންވެސްޓްމަންޓް މިނިސްޓަރު، ލުހޫތު ބިންސާރު ޕަންޖައިތާން ވަނީ ހާމަ ކުރައްވާފައެވެ.

ޕަންޖައިތާން ވިދާޅުވީ، ޑިސެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި ވެކްސިން ދިނުމުގެ މަސައްކަތް ފެށިގެން ދިއުން ގާތެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ވަޒީރު ވިދާޅުވީ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ކަނޑައެޅިފައިވާ ވަކި ދާއިރާތަކެއްގައި ތިބި މީހުންނަށް ކަމަށެވެ. މި ދާއިރާތައް ކަނޑައެޅުމުގައި ބަލަނީ ކޮވިޑް-19ގެ ނަމްބަރުތައް މެނޭޖު ކުރުމުގައި މުހިންމު ވާނެ ދާއިރާތަކަށް ކަމަށްވެސް ޕަންޖައިތާން ފާހަގަ ކުރެއްވިއެވެ.

އިންޑޮނޭޝިއާގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ވެކްސިން ކެމްޕޭނަކީ، ސީނޯވެކްއިން ތަރައްގީ ކުރި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތަކުގެ ބައެއް ނޫން ކަމަށް މައުލޫމާތު ލިބެއެވެ. ސީނޯވެކްއިން ތަރައްގީ ކުރި ވެކްސިންގެ 3 ވަނަ މަރުހަލާގެ ތަހުލީލުތަކެއް، އިންޑޮނޭޝިއާގެ ބައޯ-ފާމާ ކުންފުންޏާ ގުޅިގެން، އިންޑޮނޭޝިއާގެ ވެސްޓް ޖާވާ ސަރަހައްދުގައި މިހާރު ވެސް ދަނީ ކުރިއަށެވެ.

އިންޑޮނޭޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ، ވެކްސިން ދިނުމަށް ހިންގާ މަޝްރޫއުގެ ސަބަބުން، މަޝްހޫރު ފަތުރުވެރި މަންޒިލް – ބާލީ ހުޅުވުމަށް ފުރުސަތު ތަނަވަސް ވާނެ ކަމަށެވެ. އިންޑޮނޭޝިއާއިން ދަނީ 2021 ވަނަ އަހަރުގެ ކުރީކޮޅު، ބާލީ ހުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑޮނޭޝިއާގެ ބަންޑާ އަޗޭ ސަރަހައްދުގެ ބާޒާރެއްގައި މާސްކެއް އަޅައިގެން ހިނގާފާ ދާ އަންހެނެއް/ފޮޓޯ: ގެޓީ އިމޭޖަޒް

ޕަންޖައިތާން ވިދާޅުވީ، ބާލީ އަކީ "ގްރީން ޒޯން" އަކަށް ހެދުމަށް ސަރުކާރުން އަމާޒު ހިފާފައި ވާ ކަމަށެވެ. އަދި 2021 ވަނަ އަހަރު ފެށިގެން އަންނައިރު މި އަމާޒު ހާސިލުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑޮނޭޝިއާއިން މިހާތަނަށް 421731 ކޮވިޑް-19 ކޭސް ރެކޯޑް ކޮށްފައި ވެއެވެ. އިންޑޮނޭޝިއާގައި ބަލި ޖެހުނު މީހުންގެ ތެރެއިން 14259 މީހަކު ވަނީ، މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.