ލިބިފައިވާ ނިއުމަތެއްގެ ބޭނުން ހިފުމަކީ ގަދައަޅާ މަސައްކަތްކުރަންޖެހޭ ކަމެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޮވިޑް-19 އާގުޅޭ ހާއްސަ އަދަދު ނެރެދެއްވުމަށްޓަކައި އެ ޔުނިވާސިޓީގައި މިއަދު ބޭއްވި ހާއްސަ ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކުރިއަރާފައިވާ ޤައުމުތަކުގައި ކަންކުރާ އުސޫލުން، އިލްމީ ދިރާސާއަކީ އެކި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި އިސް ދައުރެއް އަދާކުރާ މުހިންމު ވަސީލަތެއް ކަމަށެވެ.
އެގޮތުން ދިރާސާކުރުމުގެ ދާއިރާގެ މުހިންމުކަން ފާހަގަކުރައްވާ ވިދާޅުވީ، ގައުމީ ޔުނިވަރުސިޓީން އެ ދާއިރާ ކުރިއަރުވަން ބަހައްޓާ އަހައްމިއްޔަތުކަމާމެދު އުފާކުރައްވާ ކަމަށާއި އެފަދަ ދިރާސާތަކުން އެއްކުރެވޭ މައުލޫމާތާ ހޯދުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ފައިދާކުރަނިވި، އަދި ގައުމު ބިނާކުރުމުގެ މަސައްކަތަށް މުހިންމު، ލާބައާއި މަންފާ ކުރަނިވި މައުލޫމާތުތަކެއް ކަމަށެވެ.
މީގެ އިތުރުން ވިދާޅުވީ، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގައުމު ކުރިމަތިލީ، މި ބަލިން ރައްކާތެރިވެ ސަލާމަތްވުމަށް އަޅާނެ ފިޔަވަޅުތަކާ ކަން ކުރަންޖެހޭ ގޮތުގެ އެންމެ ފުރިހަމަ މަޢުލޫމާތު ނެތި ކަމަށާ މިހާރު އެކި ގޮތްގޮތުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައި، މި ބަލިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަންޖެހޭނެ ގޮތާއި، އަޅަންޖެހޭ ފިޔަވަޅުތައް ހޯދިފައިވާ ކަމަށެވެ.
މިއަދު ބޭއްވި އެ ހަފުލާގައި "ދަ މޯލްޑިވްސް ނޭޝަނަލް ޖާނަލް އޮފް ރިސާޗް" (އެމްއެންޖޭއާރު) ގެ ކޮވިޑް-19 އާގުޅޭ ހާއްސަ އަދަދު ނެރެދެއްވީ ނައިބު ރައީސް އެވެ.
އެ ހަފުލާގައި މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަނާއި، ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީ ޑޜ. މުސްތަފާ ލުތުފީއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދުގެ އިތުރުން އެ ޔުނިވަރުސިޓީގެ އެކި ފެކަލްޓީތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.