ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭ ބޭއްވި ޖަލްސާއާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އަށް ހަ ތުހުމަތެއް ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން މާދަމާ ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފުލުހުން އޭނާއަށް ހަ ތުހުމަތެއް ކޮށްފައިވާއިރު އެ ތުހުމަތުތަކަށް ލިއުމުން ޖަވާބު ދިނުމަށް މާދަމާ ޕޮލިހަށް ހާޒިރުވުމަށް ސުޖާއު އަށް ވަނީ ޗިޓު ދީފައެވެ.

ފުލުހުން ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި އަމުރަށް ނުކިޔަމަންތެރިވުމާއި ވާޖިބަށް ހުރަސްއެޅުމާއި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުން ފަދަ ކަންކަން ހިމެނޭ ކަމަށް ސުޖާއު ވަނީ ވިދާޅުވެފައެވެ. އަދި އެއީ ހަގީގަތާ ހިޔާފު ތުހުމަތުތަކެއް ކަމަށާއި އެކަމަށް އިންކާރު ކުރައްވާފައިވާ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ރޭ "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތަކީ ނޮވެމްބަރު 3 އަކާ ގުޅިގެން ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ރޭ ކުރިއަށް ގެންދިޔަ ހަރަކާތުގައި އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި ވާއިރު އެތަނުގައި އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ދީފައި ނުވާ ކަން ފެނިގެންދިޔައެވެ. އަދި އެ ހަރަކާތް ހުއްޓުވުމަށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ވަނީ ގޮސްފައެވެ.

މި ހަރަކާތަކީ އެޗްޕީއޭ އިން އަމަލު ކުރަން އަންގާފައިވާ ގައިޑްލައިންތަކާ ހިލާފަށް ބާއްވަމުން ދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަރަކާތް ހުއްޓާލުމަށްވެސް ފުލުހުން އެދިފައި ވެއެވެ.