ބަޑި ބުރާސްފަތީގެ ނަމުގައި މިރޭ ޕީޕީއެމް އަދި ޕީއެންސީ އިން ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ސުޖާއު ހައްޔަރު ކޮށްފިއެވެ.

މިރޭ "ބަޑި ބުރާސްފަތި" ނަމުގައި އިދިކޮޅު ޕާޓީން ކުރިއަށް ގެންދިޔަ ހަރަކާތަކީ ނޮވެމްބަރު 3 އަކާ ގުޅިގެން ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށް ދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ޝުޖާއު ހައްޔަރުކޮށްފައި ވަނީ އެ ހަރަކާތާ ގުޅޭގޮތުން ފުލުހުންނާ މަޝްވަރާތަކެއް ކުރި ފަހުންނެވެ. ޝުޖާއު ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަށް ވަނީ އަރުވާފައެވެ. މިކަމާ ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

މި ހަރަކާތް ކުރިއަށް ދާ އިރު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެފައި ވާއިރު އެތަނުގައި އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުކަން ދީފައި ނުވާ ކަން ފެނެއެވެ. އަދި މި ހަރަކާތް ހުއްޓުވުމަށް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ފުލުހުން ވަނީ ގޮސްފައެވެ.

މި ހަރަކާތަކީ އެޗްޕީއޭ އިން އަމަލު ކުރަން އަންގާފައިވާ ގައިޑްލައިންތަކާ ހިލާފަށް ބާއްވަމުން ދާ ހަރަކާތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ހަރަކާތް ހުއްޓާލުމަށްވެސް ފުލުހުން އެދިފައި ވެއެވެ.