އޮސްޓްރިއާގެ ވެރިރަށް ވިއެނާގެ އެކި ސަރަހައްދުތަކުގައި ރޭ ދިން ބަޑީގެ ހަމަލާތައް، މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.
އެ ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރިއާ އާއެކު ކަމަށް، މިނިސްޓަރު ޝާހިދު ވަނީ އޮސްޓްރިއާގެ ހާރިޖީ ވަޒީރު އެލެގްޒެންޑާ ޝެލެންބަގްއަށް ދަންނަވާފައެވެ. އަދި ދިވެހި ރާއްޖެއިން ހުރިހާ ބާވަތެއްގެ ޓެރަރިޒަމް ކުށްވެރި ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ކާބުލް ޔުނިވާސިޓީއަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާ ދީ، އެތައް ބަޔަކު މަރާލި ހާދިސާ ކުށްވެރިކުރައްވާ، އަފްޣާނިސްތާނުގެ ވަގުތީ ހާރިޖީ ވަޒީރު މުހައްމަދު ހަނީފު އަތުމާރް އަށް މިނިސްޓަރު ޝާހިދު ވަނީ މެސެޖެއް ފޮނުއްވާފައެވެ.
އެ މެސެޖުގައި ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށް އެދި، ޓެރަރިޒަމްގެ ހުރިހާ ބާވަތެއް ރާއްޖެއިން ކުށްވެރިކުރާކަމަށް ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގައި އަމާންކަމާއި ހަމަޖެހުން ގާއިމް ކުރުމަށް އެގައުމުން ކުރަމުންދާ މަސައްކަތުގައި ދިވެހި ސަރުކާރާއި ރައްޔިތުން، އަފްގާނިސްތާން ސަރުކާރާއެކު އޮތް ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
އޮސްޓްރިއާގައި ދިން ހަމަލާތަކުގައި 4 މީހަކު މަރުވެ، 17 މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަފްޣާނިސްތާނުގައި ދިން ހަމަލާގައި 19 މީހުން މަރުވެފައިވެއެވެ. މިއީ އަފްޣާނިސްތާނުގައި ތައުލީމީ މަރުޒަކަށް އެއް ހަފްތާ ތެރޭ ދިން މިފަދަ ދެ ވަނަ ހަމަލާއެވެ. މީގެ ކުރިން ދިން ހަމަލާ އާއި ގުޅިގެން ވެސް މިނިސްޓަރު ޝާހިދު ވަނީ ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ.