މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 100 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު އެއް ފަަހަރު އާއްމުކުރާ "މަންތްލީ ފިސްކަލް" ހިސާބުތައް ދައްކާ ގޮތުގައި ޖޫރިމަނާގެ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 100.5 މިލިއަން ރުފިޔާ ލިބިފައި ވެއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި 180 މިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ވަކި މަސްތަކާ އަޅާބަލާއިރު، މި އަހަރު ޖޫރިމަނާގެ ފައިސާ ވަނީ އިތުުރުވެފައެވެ.
ޖޫރިމަނާގެ ފައިސާ ވަކި މަސްތަކުގައި މަތިވެފައިވާއިރު ކޮވިޑް-19 ގެ ސަބަބުން އެޅި ތަފާތު ފިޔަވަޅުތަކާ ހިލާފު ވެގެން މިދިޔަ މަސްތަކުގައި ގިނަ ބަޔަކު ވަނީ ޖޫރިމަނާކޮށްފައެވެ.
އެގޮތުން މާސްކް ނާޅާ މަގުމަތީ އުޅެގެންނާއި ވެހިކަލް ދުއްވުން މަނާ ވަގުތުތަކުގައި ވެހިކަލް ދުއްވައިގެންނާއި ކާފިއު ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާ ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅެގެން ޖޫރިމަނާ ކޮށްފައިވެއެވެ. އެ ފިޔަވަޅުތަކަށް އަމަލު ނުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދޭ އިރު އެކަން ތަކުރާރު ވާ ނަމަ ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.