ބައެއް މާޗަންޓް ވެބްސައިޓް ތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ކާޑުތައް ބޭނުންނުކުރެވޭ ގޮތަށް އެ ބޭންކުން ހަދައިފިއެވެ.

ބީއެމްއެލުން ބުނީ ފާއިތުވި މަސްތަކުގައި ގާނޫނާ ގަވާއިދުތަކާ ހިލާފު މުއާމަލާތްތައް ބޮޑުތަނުން އިތުރުވެފައިވާ ކަމަށާ އެގޮތުން މިފަދަ މާލީ މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމުގެ ގޮތުން ބައެއް އޮންލައިން ޓްރޭޑިންގް ސައިޓްތައްވެސް ބްލޮކް ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ޖުވާ ކުޅެން ބޭނުންކުރާ ސައިޓްތަކުގެ އިތުރުން، އޮންލައިން ޓްރޭޑިން ވެބްސައިޓްތައްވެސް ބްލޮކްކުރަން ބީއެމްއެލް އިން ވަނީ ނިންމާފައެވެ. އޮންލައިން ޓްރޭޑިން ޕްލެޓްފޯމްތައް މެދުވެރިކޮށް ގިނައިން ފައިސާ ބޭރުވަމުންދާ އިރު، ޑޮލަރު ލިބެން ހުރި މިންވަރު ދަށްވެފައިވާ ކަން ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ދިވެހި އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާ، ކޮންމެހެން ކުރަން ނުޖެހޭ ހަރަދުތައް ނުކުރުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އަދި ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުން ކުރެވޭ މުއާމަލާތްތައް މޮނީޓަރުކުރަމުން ދާނެ ކަމަށާއި، ބޭންކަށް ފެނިއްޖެ ހާލަތެއްގައި މިފަދަ ބައެއް މުއާމަލާތްތައް އެއްވެސް އެންގުމެއް ނެތި ބްލޮކް ކުރާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން އެގޮތަށް ނިންމުމުގެ ކުރިން އެމްއެމްއޭ އާ ގުޅުންހުރި ސަރުކާރުގެ އިދާރާތަކާއި މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.