ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެނުން ގޭގައި ނޯކިރީ ކުރަން ބައި ތިއްބަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު އެހެން ވިދާޅުވެފައިވަނީ މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު) ކާރަށް ގެއްލުންދީ، އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ބޭނުންވަނީ އަންހެނުން ހަމައެކަނި ޖިންސީ އެދުން ފުއްދުމަށާއި، ކިރުމައިންގެ ގޮތުގަ އާއި ކުދިން ބަލައި ގޭގައި ނޯކިރީންގެ ގޮތުގައި އަންހެނުން ބޭތިއްބުމަށް ކަމަށެވެ. އަދި އެ ފިކުރަށް ދިވެހި މުޖުތަމައު އަނބުރާލުމަށްޓަކައި ބާރުގެ ބޭނުންކޮށްގެން ބަޔަކު މަސައްކަތް ކުރާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ފަދަ މައްސަލަތަކުގައި ދައުލަތުގެ މުއައްސަސާތައް ވެސް ޝާމިލުވޭތޯ މެންބަރުން ސުވާލު އުފައްދަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެއީ ކަންބޮޑުވުން ބޮޑުވާ އިތުރު ސަބަބެއް ކަމަށެވެ.

ޑްރައިވަރު އައިންތުގެ ކާރަށް ގެއްލުންދޭތީ ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ. އެމައްސަލަ ހުށަހަޅާފައިވަނީ ޑްރައިވަރު އައިންތުއަށް ފުރައްސާރަކޮށް އެކި ފަހަރު މަތިން އޭނާގެ ކާރަށް ގެއްލުންދޭތީ ކަމަށް އާޒިމް ހުށަހެޅި މައްސަލާގައި ވަނީ ބުނެފައެވެ.

އެގޮތުން އެ ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާއަށް ހުރަސް އެޅިފައިވާ ކަމަށާ މިކަން ބަލައި، އޭނާއަށް ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ވެސް އެ ކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.

އައިންތު ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި މިއީ 5 ވަނަ ފަހަރެވެ. އެންމެ ފަހުން އޭނާގެ ޓެކްސީއަށް ގެއްލުން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ. އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.