އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމްއާ ބްރައިޓަން ބައްދަލުކުރި މެޗު 2-1 އެކެއްގެ ހަނި ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.

މި މެޗުން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު އެޓީމަށް ޖަހާ ދިނީ 2013 ވަނަ އަހަރު އެޓީމު ދޫކޮށް ސްޕެއިންގެ ރިއާލް މެޑްރިޑާ ގުޅުމަށް ފަހު އަލުން މި ސީޒަންގައި ޓޮޓެންހަމްއަށް ކުޅެން ނިންމި ވޭލްސްގެ ފޯވަޑް ގެރެތް ބޭލެއެވެ. ބޭލް އެންމެ ފަހުން އެޓީމަށް ލަނޑެއް ޖަހާ ދީފައިވަނީ މީގެ 7 އަހަރު ކުރިން ރިއަލްއާ ގުޅުމުގެ ކުރިން ޓޮޓެންހަމްއަށް ކުޅުނު ވަދާއީ މެޗުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމްއިން ނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 13 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އިނގިރޭސި ކެޕްޓަން ހެރީ ކޭންއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 56 ވަނަ މިނެޓްގައި ބްރައިޓަންގެ ތާރިޤް ލަމްޓީ ޖަހާ ދިން ލަނޑާއެކު މެޗުގެ ސްކޯ 1-1 އަކަށް ބަދަލުވިއެވެ.

އެހެން ނަމަވެސް މެޗު ނިމެން 20 މިނެޓަށް ވެފައިވަނިކޮށް ބޭލް ބޮލުން ޖަހާ ވައްދާލި ލަނޑާއެކު މި މެޗުން ޓޮޓެންހަމްއަށް ތިން ޕޮއިންޓް ކަށަވަރުވިއެވެ. މި ތިން ޕޮއިންޓާއެކު އެޓީމު މިހާރު މިވަނީ ތާވާލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ 7 މެޗު ކުޅެ 14 ޕޮއިންޓް ހޯދައިގެންނެވެ.

ރޭގެ މެޗުން ބަލިވި ބްރައިޓަން އޮތީ ހަތް މެޗު ކުޅުނު އިރު ފަސް ޕޮއިންޓް ހޯދައިގެން ލީގު ތާވާލުގެ 16 ވަނައިގައެވެ.