ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރެމުންދާ ގޮތް ބެލުމަށް ހަދާ ރޭންޑަމް ސާމްޕަލް ޓެސްޓުތައް އިތުރު ކުރުމަށް، އަވަށްޓެރި ސްރީލަންކާގެ ޑޮކްޓަރުން ގޮވާލައްވައިފިއެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައި ވަނިކޮށް، ބަލިމަޑުކަމުގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައި ވާ ސްރީލަންކާ ސަރުކާރުގެ މެޑިކަލް އޮފިސަރުންގެ ޖަމިއްޔާ (ޖީއެމްއޯއޭ) ގެ އެޑިޓާ، ޑރ ހަރީތާ އަލުތުގެ ވަނީ، މެދު ކެނޑުމެއް ނެތި، ކޮވިޑް-19ގެ ނުރައްކަލަށް ހާއްސަ ސަމާލުކަމެއް ދީގެން، ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވައިފައެވެ.
މި މޭރުމުން، ޑރ އަތުލުގެ ވަނީ ދުވާލެއްގެ މައްޗަށް ސްރީލަންކާގައި ރޭންޑަމް ސާމްޕަލް ނަގައިގެން ޕީސީއާރް ޓެސްޓު ހަދާ މިންވަރު އިތުރު ކުރުމަށް ގޮވާލައްވާފައެވެ.
ހެލްތު ސެކްޓަރުން ރިޕޯޓްތައް އެއްކޮށް، ރެންޑަމް ސާމްޕަލްތަކުން ދޭ މެސެޖުތައް މުރާއަޖާ ކުރުމަށްވެސް ޑރ އަތުލުގެ ވަނީ، ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސައަށް ގޮވާލައްވާފައެވެ. ކުރިއަށް އޮތް މަސްތަކަށް މިމަޝްރޫއު ދަންމާލާނެ ގޮތް ޕްލޭން ކުރުމަށްވެސް ޑރ އަތުލުގެ ވަނީ ރާޖަޕަކްސައަށް ގޮވާލައްވާފައެވެ.
ޑރ އަތުލުގެވެސް ވަނީ ކާމިޔާބު ކަމާއެކު ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ސާވޭލަންސް އިތުރުކޮށް، ކޭސްތައް ދެނެގަތުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފައެވެ. ބަލި ޖެހިފައި ވާ މީހުންނާއި އެމީހުންގެ ކޮންޓެކްޓުންގެ ދެނެގަތުން މުހިންމުކަން ފާހަގަ ކުރައްވަމުން ޑރ އަތުލުގެ ވަނީ ޓެސްޓު ކުރާ މިންވަރު އިތުރު ކުރަންޖެހޭ ކަމަށް ބާރު އަޅުއްވާފައެވެ.
ހަމަ އެކަނި ޓެސްޓު ކުރާ މިންވަރު މަދުކޮށް ނުވަތަ އިތުރު ކޮށްގެން ފުރިހަމަ ކާމިޔާބެއް ނެތް ކަމަށާ، ޓެސްޓު ކުރުމުގެ މަރުހަލާގައި، އެންޓިޖެން ޓެސްޓުތައްވެސް ހަދަންޖެހޭ ކަމަށް ޑރ އަތުލުގެ ވަނީ ވިދާޅުވެފައެވެ.
21.4 މިލިއަން މީހުންގެ އާބާދީއެއް އޮތް ސްރީލަންކާގައި މިހާތަނަށް 512735 ސާމްޕަލެއް ވަނީ ކޮވިޑް-19އަށް ޓެސްޓު ކޮށްފައެވެ. މީގެ ތެރެއިން 11060 ކޭހެއް ޕޮޒިޓިވް ވެފައި ވާއިރު، މި ބަލީގައި ލަންކާއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 21 އަށް އަރާފައެވެ. ކޭސް ނަމްބަރުގެ ގޮތުން ދުނިޔޭގެ ރޭންކިން އަށް ބަލާއިރު ސްރީލަންކާ އޮތީ 109 ވަނާގައެވެ. ރާއްޖެ އޮތީ 107 ވަނާގައެވެ. ސްރީލަންކާއަކީ ދިވެހިރާއްޖެއިން ބޭރުގައި، އެންމެ ގިނަ އަދަދަކަށް ދިވެހިން ވަޒަންވެރިވެގެން ދިރިއުޅެމުން އަންނަ އެއް ގައުމެވެ.