މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު) ކާރަށް ގެއްލުންދީ، އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފިއެވެ.
އެކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.
އެމައްސަލަ މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވާއިރު އެމައްސަލަ ހުށަހަޅާފައިވަނީ ޑްރައިވަރު އައިންތުއަށް ފުރައްސާރަކޮށް އެކި ފަހަރު މަތިން އޭނާގެ ކާރަށް ގެއްލުންދޭތީ ކަމަށް އާޒިމް ހުށަހެޅި މައްސަލާގައި ވަނީ ބުނެފައެވެ.
އެގޮތުން އެ ދަށު ދަރަޖައިގެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އޭނާއަށް ހުރަސް އެޅިފައިވާ ކަމަށާ މިކަން ބަލައި، އޭނާއަށް ގެއްލުންދިން ބަޔަކަށް ހައްގު އަދަބު ދިނުމަށް ވެސް އެ ކުއްލި މައްސަލާގައި ވަނީ ބުނެފައެވެ.
އައިންތު ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި މިއީ 5 ވަނަ ފަހަރެވެ. އެންމެ ފަހުން އޭނާގެ ޓެކްސީއަށް ގެއްލުން ދީފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މީގެކުރިންވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައިވެއެވެ. އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.