ޒަމާނީ ސައެންސާއި ޓެކްނޮލީގެ ރޭހުގައި ޗައިނާއަކީ ގައުމުތައް އާޝޯހް ކުރުވުމުގެ އެއް ނަމްބަރު ރެކޯޑް އޮތް ގައުމޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

މިފަހަރުވެސް އެކަހަލަ ވާހަކައެކެވެ. މި ފަހަރު ޗައިނާއިން މުޅި ދުނިޔޭގެ ސަމާލުކަން ހޯދީ، ބަރުދަނުގައި 7600 ޓަނު ހުންނަ، ބޮޑު އިމާރާތެއްގެ ލޮކޭޝަން ބަދަލު ކޮށްގެންނެވެ. އިމާރާތްތަކުގެ ލޮކޭޝަން ބަދަލު ކުރުމަކީ ޗައިނާއަށް އާ ކަމެއް ނޫން ނަމަވެސް، މިފަހަރުގެ މަޝްރޫއު ހާއްސަ ވަނީ މިކަމުގައި ބޭނުން ކުރި ޓެކްނޮލޮޖީގެ ސަބަބުންނެވެ.

85 އަހަރުވެފައިވާ "ތާރީހީ" ސްކޫލް އިމާރާތް ހުރި ލޮކޭޝަން ބަދަލު ކުރީ، 198 ރޮބޮޓް ފައި ބޭނުން ކޮށްގެންނެވެ. ހައިޑްރޯލިކް ފައިތަކުގެ އެހީގައި 62 މީޓަރުގެ ރާސްތާއަކަށް މި އިމާރާތް "ހިނގި" ކަމަށް މީޑިއާއިން ސިފަ ކުރެއެވެ. މި ރާސްތާ ކަޑަތު ކުރުމަށް 18 ދުވަސް ހޭދަވިއެވެ.

ރޮބޮޓް ފައިތަކެއްގެ އެހީގައި ޗައިނާއިން އިމާރާތެއްގެ ލޮކޭޝަން ބަދަލު ކުރަނީ / ފޮޓޯ: އެފްސީ

ރޮބޮޓް ފައި ބޭނުން ކޮށްގެން މި އިމާރާތް ބަދަލު ކުރަން ޖެހުނީ އިމާރާތުގެ ފަރުމާގެ ބައްޓަން ހުރި ގޮތުންނެވެ.

ސައުތު ޗައިނާ މޯނިންގް ޕޯސްޓުން ވަނީ ހައިޑްރޯލިކް ފައިތަކުގެ އެހީގައި، ފަހަރަކު ފައެއް ކުރިއަށް އަޅަމުން، މުޅި އިމާރާތް، ފަހަރަކު އިންޗިއެއް ކުރިއަށް ޖެހެމުން އަންނަ މަންޒަރުތައް ހިއްސާކޮށްފައެވެ.

މިއީ ރޮބޮޓް ފައިތަކެއް ބޭނުން ކޮށްގެން، އެއް ތަނުން އަނެއް ތަނަށް އިމާރާތެއް ބަދަލު ކުރި ފުރަތަމަ ފަހަރެވެ. މިއީ ދުނިޔޭގައިވެސް މިކަން މި ގޮތަށް ކުރި ފުރަތަމަ ފަހަރު ކަމަށް ހަބަރު ލިބެއެވެ.

ރޮބޮޓް ފައިތަކެއްގެ އެހީގައި ޗައިނާއިން އިމާރާތެއްގެ ލޮކޭޝަން ބަދަލު ކުރަނީ / ފޮޓޯ: ސީއެންއެން

ތާރީހީ އިމާރާތެއްގެ ގޮތުގައި ސިފަކުރަމުން އަންނަ މި ސްކޫލް އިމާރާތް ހުރި ތަން ބަދަލު ކުރީ، އެ ސްކޫލް ކުރިން ހުރި ބިމުގައި ވިޔަފާރި މަރުކަޒެއް ތަރައްގީ ކުރުމަށެވެ.