ބޭންކުގެ ކަސްޓަމަރުންނަށް މާލީ ގޮތުން ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރާ ޕާސަނަލް އަދި ހައުސިން ލޯނާއި ފައިނޭންސިންގެ އިންޓަރެސްޓް ރޭޓް އަދި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލުން ނެރުނު ބަޔާނުގައި ބުނީ މިއަދު ގެނައި މި ބަދަލާއެކު ކަސްޓަމަރުންގެ މެދުގައި މަގްބޫލުކަމެއް ލިބިފައިވާ ލުއި އެކްސްޕްރެސް ލޯންގެ އިންޓަރެސްޓް ރޭޓް 15 ޕަސަންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވާ ކަސްޓަމަރުންނަށް އެއްވެސް ރަހުނަކާނުލައި 300،000 ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
ބީއެމްއެލުން ބުނީ، ގަވައިދުން މުސާރަ ނުލިބޭ ފަރާތްތަކަށް ދޫކުރަމުންދާ ލުއި މައިކްރޯ ލޯންގެ އިންޓަރެސްޓް ރޭޓްވެސް 12 ޕަސަންޓަށް ކުޑަކޮށްފައިވަ ކަމަށެވެ.
އާމްދަނީގެ ގޮތުގައި ކުލި ލިބޭ ގެދޮރުވެރިންނަށް އަމާޒުކޮށް ދޫކުރާ ބީއެމްއެލް ލައިފްސްޓައިލް ލޮނު ވެސް ރަހުނަކާ ނުލައި މިހާރު 15 ޕަސަންޓް އިންޓަރެސްޓް ރޭޓްގައި ލިބޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. އެގޮތުން 300،000 ރުފިޔާއާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ބީއެމްއެލުން ބުނީ 300،000 ރުފިޔާއިން ފެށިގެން 1.5 މިލިއަން ރުފިޔާއާ ހަމަޔަށް ލޯނު ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ އެއްގޮތަށް ރަހުނަކާއެކު 12 ޕަސަންޓް އިންޓަރެސްޓްގައި ލޯނު ދޫކުރަމުންދާނެ ކަމަށެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ހައުސިން ލޯނު ޕޯޓްފޯލިއޯ އިން ވެސް 10 ޕަސަންޓާ ހަމަޔަށް އިންޓަރެސްޓް ދަށްކުރެވިފައި ވާއިރު މިއީ ރާއްޖޭގެ އެންމެ ކުޑަ އިންޓަރެސްޓް ރޭޓު ކަމަށެވެ. އަދި މި ރޭޓްގައި ބޭންކުން ލޯނު ދޫކުރާނީ ހޯމް ޕާޗޭސް ލޯން (ގެދޮރު ގަތުމަށް ދޫކުރާ ލޯނު) އަދި ހޯމް ކޮންސްޓްރަކްޝަން ލޯނުގެ ތެރެއިން 50 ޕަސަންޓް އަމިއްލައަށް ހަރަދުކޮށްފައިވާ ޕްރޮޖެކްޓްތަކަށް ދޫކުރާ ލޯނުތަކަށް ކަމަށް ބީއެމްއެލުން ބުނެއެވެ. ބީއެމްއެލުން ބުނީ ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކުރާ ފަރާތްތަކަށް ދޫކުރާ ރިއަލްއެސްޓޭޓް ލޯނުގެ ރޭޓްވެސް 1.5 ޕަސަންޓާ ހަމަޔަށް ކުޑަކޮށްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ބީއެލްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ބޭންކުގެ ކަސްޓަމަރުން ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުންދާއިރު އަލަށް ކަނޑައެޅުނު ރޭޓްތަކުގެ ސަބަބުން ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމަށް ލުއިފަސޭހަވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލުން ބުނީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެ ބޭންކުން ދޫކުރާ ލޯނާއި ފައިނޭންސްތަކަށް އިތުރަށް ގެނައުމަށް ނިންމާފައިވާ ބަދަލުތައް ކުރިއަށް ހުރި ހަފްތާތަކުގައި ހާމަކުރާނެ ކަމަށެވެ.