ދިވެހި ސިފައިންނާ ގުޅިގެން ހިންގާ ކަނޑުމަތީގެ އަސްކަރީ ތަމްރީނަކަށް އިންޑިއާގެ މަނަވަރެއް ރާއްޖެ އަތުވެއްޖެއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.
އައިސީޖީއެސް ސަންކްލަޕް ރާއްޖެއަށް ކުރާ އެ ދަތުރުގައި، މިމަހު 2 ން 5 އަށް ދިވެހިރާއްޖޭގެ ހާއްސަ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސާފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވ ކަމަށްވެސް އެމްއެންޑިއެފުން މައުލޫމާރު ދެއެވެ.
މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސާފޭސް ސަވައިލަންސް ޕެޓްރޯލެވެ.
މި ޕެޓްރޯލަކީ، ދިވެހިރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގޭ ޕެޓްރޯލެކެވެ. މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރެވެ. މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާއި ގަވާޢިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ދިވެހި ސިފައިންނާއި އިންޑިއާގެ ސިފައިން ގުޅިގެން މީގެ ކުރިންވެސް ވަނީ ތަފާތު ހަރަކާތްތައް ހިންގާފައެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އިންޑިއާއިން އައި އަސްކަރީ ޑޯނިއާގައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ބެލުމުގެ އޮޕްރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި 26 ވަނަ ދުވަހު ސަާފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ނޭވީ ޝިޕް "އައިއެންއެސް ސުނޭނާ" ވެސް ރާއްޖެ އައިސް 27 ވަނަ ދުވަހުން މިދިޔަ މަހުގެ 4 ވަނަ ދުވަހަށް ވަނީ އެ ތަމްރީނުގައި ބައިވެރިވެފައެވެ.
މިއަދު އިންޑިއާގެ އިތުރު މަނަވަރެއް ރާއްޖެ އައިސްފައި ވާއިރު، އިންޑިއާގެ އަސްކަރީ 2 ބޯޓު ހަނިމާދޫގައި ޖައްސާފައި ވަނީވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރުން ރާއްޖެ، އިންޑިއާއަށް ވިއްކާލަން އުޅޭ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.