ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ލަފާއެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.
ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތަށް އެ މިނިސްޓްރީގެ 11 ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީ އިން ފޮނުވި މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތިގެން ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމިއެވެ.
ނަމަވެސް އެމައްސަލަ އާ ގުޅިގެން އޭސީސީ އާއި ފުލުހުން ހިންގި ތަހުގީގާ މެދު ޕްރޮސެކިއުޓާ ޖެނެރަލަށް ހިލާފު އުފެދިފައިވާތީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ އިތުރަށް ބަލައި ދިނުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަތީ މިމަހު 21 ވަނަ ދުވަހުއެވެ.
އެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު ވަނީ ފަސް ކަމެއް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާފައެވެ.
އެއީ ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގަތުމުގެ ހުރިހާ މަރުހަލާއެއްގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ރިޕޯޓުން ހާމަވާން އޮތްކަމާއި ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގެނައުމުގައި އަމަލުކޮށްފައި ވަނީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުމަށް އޮންނަ ގޮތްތައް އިހުތިޔާރު ކުރުމަށް ވުރެ ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތައް އިހުތިޔާރު ކޮށްގެން ކަމަށެވެ.
އޭގެ އިތުރުން މުޅި މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ ދައުލަތުގެ ފައިސާއަށް ރައްކާތެރިވުން ކަމަށް ވާއިރު، އެ މަގްސަދު ގެއްލޭ ގޮތަށް ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެކަމާ އެ މައްސަލައަކީ އޭސީސީ އާއި ފުލުހުން ގުޅިގެން ކޮށްފައިވާ ތަހުގީގެއްކަން ބަޔާންކޮށްފައި ވީ ނަމަވެސް، ތަހުގީގުގައި ފުލުހުން ބައިވެރިވިކަން، ނުވަތަ ބައިވެރިވެފައިވާ މިންވަރު ވެސް ސާފު ނުވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެ މައްސަލާގައި ދައުވާއެއް ކުރެވެން ނެތް ކަމަށް ޕީޖީ އޮފީހުން ނިންމި ނަމަވެސް، ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގެ ބައިވެރިވުމާއެކު، ޕީޖީގެ ނިންމުން އިތުރަށް މުރާޖައާކޮށް ދައުވާއެއް ކުރަން ފުރުސަތު އޮތްކަން ވަނީ ފާހަގަކޮށްފައެވެ.
މައްސަލަ ދިރާސާ ކުރުމަށް ފަހު މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީން، ތިން ހުށަހެޅުމެއް ޕީޖީއަށް ހުށަހެޅުމަށް ފާސްކޮށްފައި ވެއެވެ.
އެއީ ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ޕީޖީ ހޯއްދެވުމަށް ޕްރޮސެކިއުޓާ ޖެނެރަލްއަށް ލަފާއެރުވުމާއި ކޮމެޓީގެ ފުރަތަމަ ހުށަހެޅުމުގައި ބަޔާންކުރާގޮތަށް އަމަލުކުރުމާއެކު، މައްސަލަ އަލުން މުރާޖައާކުރުމަށް ޕީޖީއަށް ލަފާއެރުވުން އަދި މައްސަލަ އަލުން މުރާޖައާކުރުމާމެދު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާ ގޮތް ޖުޑިޝަރީ ކޮމިޓީއަށް އެންގުމަށް ޕީޖީއަށް ދެންނެވުމެވެ.
އެމައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެއޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތަކުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާގޮތަށް އަމަލުކޮށްފައިވާކަން ބަޔާންކުރުމާ ގުޅިގެންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށްވާ ފައިސާ ދައްކާފައިވާއިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.
ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިމުމާއެކު އޭރު ހެލްތް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާއެކު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަބަދުވެސް ލޯކުރިމަތީން އެކަމެއް ކުރާން ހެދިފައިވާ ޤަވާޢިދު ފޫވައްޓާލާ ވައްކަންކުރީމާ މިދައްކަނީ ތުހުމަތުކުރާވާހަކަ! ތިހާ ޑެލިބެރޭޓްކޮށް ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ވައްކަމެއްކުރީމާ އެބަޖެހޭ އެވައްކަމުގައި ޝާމިލްވާމީހުންނާއިމެދު ފިޔަވަޅު އަޅަން. ޕީޖީއަށްވެސް މިހާރު އިތުބާރެއް ނުކުރެވޭނެ. ޕީޖީއެބަ ވިދާޅުވޭ ބަލަންފެންނަ މައްސަލައެކޭ ބަލާނީ! މަޤާމުގެ ގޮތުން މާނަފަހުން ކޮންމެގޮތަކަށް ކުރިޔަށް އެއީ އެމަޤާމުގައި ރައްދުދެވޭނެ ގޮތެއްނޫން. އިންސާފު ޤާއިމުކުރަން ކިޔަމުން އައިސަރުކާރެއްގައި އިންސާފު ވެއްޔާމޮޑެވި ހިތުހުރިގޮތަކަށް ދިޔައިމާ އެކަމާ ރައްޔިތުން ކަންބޮޑުވާނެ. އަބަދުވެސް ސިޔާސީ ބޭފުޅުން އެބަބުނޭ ދިވެހިރައްޔިތުންނަކީ އެހާގަމާރު ބައެއްނޫނޭ. އެއަށް ވިސްނޭ ތޫނުފިލި ބައެކޭ. މިއީ ވަރަށް ގިނަސިޔާސީ ބޭކަލުންގެ ދުލުން ބުނެލާބަހެއް. މައްސަލަދޫކޮށްލައިގެނެއް ފޫނުބެދޭނެ.