ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ދެލައްކަ ފަސްދޮޅަަސް ތިން ހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަން ޖުރިމަނާ ކޮށްފައި ވަނީ އެންވާރަމެންޓް ޕްރޮޓެކްޗަން އެޖެންސީ (އީޕީއޭ) އިން ނެވެ.

އީޕީއޭ އިން ބުނީ ފެނަކަ ޖޫރިމަނާ ކުރީ ގދ. ނަޑެއްލާ އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތުގައި އީޕީއޭއިން ނަގަންޖެހޭ ހުއްދަތައް ނުނަގާ އެ މަސައްކަތް ފަށާފައިވާތީ ކަމަށެވެ. އެހެން ކަމުން 263،000 ރުފިޔާއިން އެ ކޯޕަރޭޝަން ޖޫރިމަނާކޮށް އެއް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ފައިސާ ދައްކަން އިއްޔެ އަންގާފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ.

މީގެ ކުރިން ވެސް އީޕީއޭގެ އެންގުންތަކާ ހިލާފްވެގެން 5 ފަހަރެއްގެ މަތިން އެ ކޯޕަރޭޝަން ވަނީ ޖޫރިމަނާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ފެނަކަ ވަނީ ހަ ލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ހަ ލައްކަ ރުފިޔާއިން އެ ފަހަރު ފެނަކަ ޖޫރިމަނާ ކޮށްފައި ވަނީ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމެއް ނެތި ފަސް ރަށެއްގެ އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރުމުންނެވެ.

ފެނަކަ އަކީ ރަށްރަށުގައި ފެނާއި ކަރަންޓު އަދި ނަރުދަމާގެ ހިދުމަތް ދިނުމުގައި މަސައްކަތް ކުރާ ކުންފުންޏެކެވެ.