ޕާކިސްތާނުގެ ވެރިރަށް އިސްލާމްއަބާދުގައި އާ ފައްޅިއެއް އެޅުމަށް އެ ގައުމުގެ އިސްލާމީ ކަންކަމާ ބެހޭ އެންމެ މަތީ ކައުންސިލުން ރުހުން ދީފިއެވެ.

ދީނީ ކަންކަމުގައި ސަރުކާރަށް ލަފާ އެރުވުމަށް ދައުލަތުން ހިންގާ އިމާމުންގެ ކައުންސިލުން ފައްޅިއަޅަން އިއުތިރާޒެއް ނެތް ކަމަށް ބުނެފައި ވަނީ، އާބާދީގެ ނިސްބަތުން ބައި މަދު މީހުން އަޅުކަން ކުރަން ތަނެއް ހުރުމަށް އިސްލާމް ދީނުގައި ފުރުސަތު އޮތް ކަމަށް ބުނެއެވެ.

ހަމަ މިއާއެކު، އާންމު ފަންޑު ބޭނުންކޮށްގެން އަޅުކަމަށް ހާއްސަ "ޕްރައިވެޓް" ތަންތަނުގެ އުމްރާނީ މަސައްކަތް ނުކުރުމަށްވެސް އެކައުންސިލުން ވަނީ ޕާކިސްތާނުގެ ސަރުކާރަށް އިރުޝާދު ދީފައެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު އަދި ހިންދޫންގެ އިސް ލީޑަރެއް ކަމަށްވާ ލާލް މަލްހީ ވަނީ ކައުންސިލްގެ ނިންމުމަށް މަރުހަބާ ކިއާފައެވެ. ނަމަވެސް އާންމު ފަންޑުން ޚަރަދު ނުކުރުމަށް އިރުޝާދު ދިންކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

3000 އެއްހާ ހިންދޫން ދިރިއުޅެމުންދާ އިސްލާމްއާބާދުގައި ހިންދޫންގެ އަޅުކަމަށް ފައްޅިއެއް ނުހުރެއެވެ. މިލިއަނަކަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އިސްލާމްއާބާދުގައި ގިނައީ މުސްލިމުންނެވެ.

ޕާކިސްތާނުގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީ އިން ބުނީ، މަރުވާ ހިންދޫންނަށް އެންމެ "ފަހުގެ އިހުރިތާމް އަދާކުރުމަށް" އެ ގައުމުގައި ދިރިއުޅޭ ހިންދޫންނަށް، ގާނޫނީ އިމުގެ ތެރެއިންވެސް ހައްގު އޮންނަ ކަމަށެވެ. މި ހައްގަށް ބަލާއިރުވެސް ހިންދޫންގެ އަޅުކަމަށް ހާއްސަ ތަނެއް ހުރުމުގެ ހައްގު އެމީހުންނަށް އެބައޮތް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

ޕާކިސްތާނުގެ ކައުންސިލް އޮފް އިސްލާމިކް އައިޑިއޮލޮޖީގެ ލަފައަކަށް ޕާކިސްތާނުގެ ބޮޑުވަޒީރު އެދިވަޑައިގަތީ، ފައްޅި އެޅުމަށް އާންމު ފަންޑު ބޭނުން ކުރެވިދާނެ ތޯ ބެއްލެވުމަށެވެ. އިމްރާން ވަނީ މި ފައްޅި އެޅުމަށް 600000 ޑޮލަރު ޚަރަދު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.