ފުވައްމުލައް އަދި އައްޑޫ ސިޓީ އަކީ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ޔުނެސްކޯއިން ކަނޑައަޅައިފިއެވެ.

މިހާރު ކުރިއަށް ގެންދާ 32 ވަނަ އިންޓަނޭޝަނަލް ކޯޑިނޭޓިން ކައުންސިލް އޮފް ދަ މޭން އެންޑް ދަ ބަޔޮސްފިއާ ޕްރޮގްރާމްގައި، ރާއްޖޭގެ ދެކުނުގައި އޮންނަ ދެ އަތޮޅަކީ ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ޔުނެސްކޯއިން އިން ބުނެފިއެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ފުވައްމުލައް އަދި އައްޑޫގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ. ރައީސް ސޯލިހް ވިދާޅުވީ، މި ކާމިޔާބީއާއެކު ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް އެގޮތުގައި ދެމެހެއްޓުމަށް އެހީވާނެ ކަމަށެވެ.

ފުވައްމުލަކާއި އައްޑޫގެ އިތުރުން މިވަގުތު ރާއްޖޭގައި ބަޔޮސްފިއާ ރިޒާވް އެއްގެ ގޮތުގައި ހިމެނެނީ ބ. އަތޮޅެވެ.

ތިމާވެށީގެ ގޮތުން ގުދުރަތީ ހާއްސަ ކަންތައް ލިބިފައިވާ ސަރަހައްދުތައް ޔުނެސްކޯއިން ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާއިރު އޭގެ ސަބަބުން އެތަންތައް ރައްކާތެރި ކުރުމަށްޓަކައި ހާއްސަ ކަންތައްތަކެއް ކުރެވިގެންދާނެއެވެ. އައްޑޫ ސިޓީއާއި ފުވައްމުލަކަކީ ހިތްގައިމު ގުދުރަތީ ރީތި މާހައުލުތަކެއް ލިބިގެންވާ ތަންތަނެވެ.

މި ސަރުކާރުން އަންނަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުންނެވެ.